ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އެއްބަސްވެގެން ރާއްޖެ އައި ކަމަށް ތުހުމަތު ކުރެވޭ ސްރީ ލަންކާގެ ސުނައިޕަރެއް ކަމަށް ބުނާ މީހާ އަށް ވަކީލަކު ހަމަޖައްސަން އަނެއްކާ ވެސް ތިން ދުވަހުގެ ފުރުސަތެއް ދީފިއެވެ.

ލަހިރު މަދުޝަންކަ މަނިއްކު އަޑޫރާ ނަމަކަށް ކިޔާ އެ މީހާ އަށް ވަކީލަކު ހަމަޖެއްސުމުގެ ދެވަނަ ފުރުސަތު ދީފައި ވަނީ އޭނާ އާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެނގި ހުރެ މީހަކު މަރަން ރޭވުމުގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މިއަދުގެ އަޑުއެހުމުގައި ހަމަ އެ ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ވެސް ވަނީ އެ މައްސަލަ އަށް ވަކީލަކު ހަމަޖައްސަން އިތުރު ތިން ދުވަސް ދީފަ އެވެ.

އެ ދައުވާ އުފުލާފައިވާ މ. ލިލީޕާކް، ފަޒީލް ހަމީދު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އޭނާގެ ގާނޫނީ ވަކީލު ނައުޝާދު އަބްދުލް އަޒީޒު ވިދާޅުވީ އެ މައްސަލާގައި ގިނަ އަދަދެއްގެ ޑޮކިއުމެންޓް އެބަހުރި ކަމަށާއި ނަމަވެސް އޭނާ އަށް ލިބިފައި ވަނީ ހައެއްކަ ޑޮކިއުމެންޓް ކަމަށެވެ. އެހެންކަމުން ޖަވާބުދާރީ ވެވޭނީ އެ ލިޔުންތައް ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ގ. އޮއިވާލި އިސްހާގު ހުސައިން ވެސް މިއަދު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އޭނާގެ ވަކީލު ހުސްނުއްސުއޫދު ވެސް ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީ ވެވޭނީ ލިޔުންތައް ލިބިގެން ކަމަށެވެ.

ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސިކިއުޓާ އާދަމް މުހައްމަދު ވިދާޅުވީ އެ މައްސަލާގައި ހިމެނެނީ ޖުމްލަ 16 ލިޔުން ކަމަށެވެ. އޭގެ ތެރެއިން އަށް ޑޮކިއުމެންޓު ސިއްރު ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެ ތެރެއިން ފަސް ޑޮކިއުމެންޓަކީ ފަސް ހެކީންގެ ތަހުގީގު ބަޔާންތައް ކަމަށެވެ. އަދި އަނެއް ތިން ޑޮކިއުމެންޓުގައި ސިއްރު ހެކީންގެ ނަންތައް ހުންނާނެ ކަމަށާއި އެހެންކަމުން އެ ލިޔުންތައް ވެސް ސިއްރުކުރަން ބޭނުންވާ ކަމަށް އާދަމް މުހައްމަދު ވިދާޅުވި އެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ ސިއްރު ނުކުރާ ލިޔުންތައް މިއަދު ވެސް ހަވާލުކުރެވިދާނެ ކަމަށެވެ. ނަމަވެސް ސިއްރު ލިޔުންތަކުން ހެކީންގެ މައުލޫމާތު އުނިކުރުމަށް ފަހު ދޫކުރުމާ މެދު ގޮތެއް ނިންމާނީ ހެކި ހުށަހަޅާ ދުވަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އިތުރު އަޑުއެހުމެއް އޮންނާނީ ތިން ދުވަސް ފަހުން ކަމަށެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އަދީބާއި ފަޒީލް އިތުރު ބަޔަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލަން ބަޑިޖަހާ މީހަކު ހޯދަން ރާވާފައިވާ ކަމަށެވެ. އަދި ރާވާފައިވާ ގޮތުގެމަތިން ސްރީލަންކާގެ ސުނައިޕަރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އެ އަމަލުގެ މައުލޫމާތު އެނގި ހުރެ އެ އަމަލުގައި ބައިވެރިވުމުގެ ގޮތުން އަދީބު ވިދާޅުވެގެން އެކަމަށް ބޭނުންވާނޭ ފައިސާ އަދީބު ވިދާޅުވި ފަރާތްތަކަށް އިސްހާގު ފޯރުކޮށްދީފައިވާ ކަމަށެވެ.