04 May 2010, 14:34
19:00
ސަރުކާރުގެ ބައެއް އިސްވެރިން ސިވިލްސާރވިސް ކޮމިޝަން ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަވަމުންގެންދަވާ ކަމަށް ބުނެ އެކަން އެކޮމިޝަނުން ކުށްވެރިކޮށްފި އެވެ.
ސިވިލްސާރވިސް ކޮމިޝަން ނުވަތަ ސީއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ސަރުކާރުން ހެލްތު ކޯޕަރޭޝަން އުފައްދަންޖެހުނު ސަބަބެއްގެ ގޮތުގައި ސިއްހީ ޚިދުމަތްދޭ މުއައްސަސާތައް ސީއެސްސީގެ ދަށުގައި ހުރުމުން އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެވުމާއި، ސީއެސްސީން އެތަންތަން ނެރެގެން ނޫނީ އެކަށީގެންވާ ރަނގަޅު މުސާރައަކާއި އިނާޔަތްތައް މުވައްޒަފުންނަށް ދެވެން ނެތް ކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ޚާއްސަ ގޮތެއްގައި ސިއްހީ ދާއިރާގެ އިސްވެރިން ވިދާޅުވަމުން ގެންދަވާކަން ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރޮސީޖަރ ދިގުވުމުގެ ސަބަބުން ސީއެސްސީގެ ތެރެއިން މުވައްޒަފުން ވަޒީފާ އަށް ލުމުގައި ދަތިތަކެއް ކުރިމަތިވެ، އެތައްދުވަހެއް ނަގާކަމަށް ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރ ޑރ.އައިމިނަތު ޖަމީލް ވިދާޅުވެފައިވާ ވާހަކަފުޅުތަކަކީ އެކަމަނާއަށް ހެލްތުގެ ދާއިރާގެ ޓެކްނިކަލް އަދި ޕްރޮފެޝަނަލް މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއަށް ލުމުގެ އެކޮމިޝަނުން ގެންގުޅޭ އުސޫލު ރަނގަޅަށް އެނގިވަޑައިނުގެން ވިދާޅުވެފައިވާ ވާހަކަފުޅުތަކެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ހެލްތު ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ދައްކަވާ ވާހަކަފުޅުތަކުގައި ސިވިލްސާރވިސް ބަދުނާމުކޮށް ދައްކަވާފައިވާ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އެބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ޒިންމާދާރު މަގާމުގައި ތިއްބެވި ބޭފުޅުން މުޅި ގައުމަށް ދެވޭ މަޢުލޫމާތުގެ ސައްހަކަން ނުބައްލަވާ އެކޮމިޝަނާމެދު ސިވިލްސާރވިސްގެ މުވައްޒަފުންނާއި ޚިދުމަތް ހޯދާ އެހެން ފަރާތްތަކުގެ އިތުބާރު ގެއްލޭ ގޮތަށް ދެއްވަމުން ގެންދަވާ ދޮގު މަޢުލޫމާތު އެކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.
މީގެއިތުރުންވެސް މީޑިއާށް ދެއްވާފައިވާ އިންޓަރވިއުތަކުގައި އައިޖީއެމްއެޗްގެ ސީއީއޯ ޒުބެއިރު މުހައްމަދު ސީއެސްސީ ބަދުނާމުވާ ގޮތަށް ދޮގު މަޢުލާމާތު ދެއްވާފައިވާ ކަމަށް އެނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ހެލްތު މިނިސްޓަރާއި އައިޖީއެމްއެޗްގެ ސީއީއޯއާ ދެބޭފުޅުން ސިވިލްސާރވިސްގެ ދަށުގައި އޮތުމުން ހެލްތު ދާއިރާގެ މުވައްޒަފުންނަށް އެކަށީގެންވާ އިނާޔަތެއް ނުދެވޭ ކަމަށް ބުނެ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީވެސް ހަގީގަތާ ޚިލާފް ވާހަކަފުޅުތަކެއް ކަމަށް ވެސް އެކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
އެބަޔާނާ ގުޅިގެން ހެލްތު މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.