16 Aug 2016, 15:58
ހުވަދު އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް "ތެނަދޫ ޗެލެންޖް ކަޕް" މި އަހަރު ޑިސެމްބަރު މަހު 16 ވަނަ ދުވަހު ގދ. ތިނަދޫގައި ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ތިނަދޫގެ ޖަމިއްޔާއެއް ކަމަށްވާ "ހުވަދޫ ރެކްރިއޭޝަންސް" އިން އިންތިޒާމްކޮށްގެން ބާއްވާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 200,000 (ދެލައްކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 75,000 (ހަތްދިހަ ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އެ މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. އެންމެ ފަހުން އެ މުބާރާތް ބާއްވާފައިވަނީ 2014 ވަނަ އަހަރު އެވެ.

ތެނަދޫ ޗެލެންޖް ކަޕް 2014ގެ ތެރެއިން: މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދެ ލައްކަ ރުފިޔާ ހުށަހަޅާ --- ފޮޓޯ: ހުވަދޫ ރެކްރިއޭޝަން
މި އަހަރުގެ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބޭއްވޭ މުބާރާތަކަށްވުމާއެކު، އެ މުބާރާތުގެ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޓީމުތައް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގައިވެސް ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުންތެރިންތަކެއް އެކި ޓީމުތަކަށް ކުޅެފަ އެވެ.
އެންމެ ފަހުން ބޭއްވި ފޯރިގަދަ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ "ސެންޓާފޮކްސަސް" ޓީމެވެ. އެ މުބާރާތުގައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިން ކުރެހުމަށް ބޭނުންކުރާ ވެނިޝިން ސްޕްރޭ ރެފްރީން ބޭނުންކޮށްފަ އެވެ. އޭގެ އިތުރުން ރެފްރީން ވަނީ ފުރަތަމަ ފަހަރަށް ކޮމިއުނިކޭޓް ކުރުމަށް ހެޑްސެޓް ޓެކްނޮލޮޖީވެސް އެ މުބާރާތުގައި ބޭނުންކޮށްފަ އެވެ.

ތެނަދޫ ޗެލެންޖް ކަޕް 2014ގެ ތެރެއިން: މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދެ ލައްކަ ރުފިޔާ ހުށަހަޅާ --- ފޮޓޯ: ހުވަދޫ ރެކްރިއޭޝަން
ހުވަދޫ ރެކްރިއޭޝަންގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ، 2014 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު މުބާރާތަކަށް ވެގެންދިޔައީ ގިނަ ބައެއްގެ އެހީތެރިކަމާ އެއްބާރުލުމާއެކު ކަމަށާއި އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި އަހަރުގެ މުބާރާތަށްވެސް ގިނަބައެއްގެ އެހީތެރިކަމާ އެއްބާރުލުން ލިބިގެންދާނޭ ވެސް އެ ޖަމިއްޔާގެ ރައީސް އުންމީދުކުރައްވަ އެވެ.
އެ މުބާރާތުގައި ޓީމްތަކަށް ރަޖިސްޓްރީ ކުރުން އަންނަ މަހުގެ 15 އިން އޮކްޓޯބަރު މަހުގެ 10ގެ ނިޔަލަށް ހުޅުވާލާ އިރު، ޓީމްތައް ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް ޖަމިއްޔާގެ އޮފީހުން ލިބެން ހުންނާނެ ކަމަށް ހުވަދޫ ރެކްރިއޭޝަނުން މައުލޫމާތުދެ އެވެ.