16 Aug 2016, 16:17
ށ. ފުނަދޫ އާއި އއ. ރަސްދޫގެ ބޯފެނުގެ ނިޒާމް ގާއިމްކުރުމަށް ކުރަންޖެހޭ ސާވޭ އާއި ޑިޒައިންގެ މަސައްކަތް ކުރުމަށް މާލޭ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާއެކު އެމްއޯޔޫއެއްގައި އެންވަޔަރަމަންޓް މިނިސްޓްރީން ސޮއިކޮށްފި އެވެ.
އެމްޑަބްލިއުއެސްސީ އިން އެ މަސައްކަތް ކުރުމަށް ހަވާލުވީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުންނެވެ.
އެންވަޔަރަންމަންޓު މިނިސްޓްރީގައި އެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމެވެ.
ށ. ފުނަދޫއާއި އއ. ރަސްދޫގެ ފެނުގެ ނިޒާމު ޑިޒައިން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީ އިން ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ފަޒުލް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެއްބަސްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ، އެއީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ފާއިތުވި ހުރިހާ ޕްރޮޖެކްޓެއްގައި ވެސް ކައުންސިލުތަކުން އެދިފަވާ ހުރިހާ އެދުމެއް ސީއެސްއާރުގެ ގޮތުގައި ހިލޭ ސާބަހަށް ކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ ފައިދާގެ ނިސްބަތަކުން ނޫން. އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި ވެސް މިކަމުގެ ސީއެސްއާރުގެ ތެރެއިން ކުރެވެން ހުރި މަސައްކަތެއް އަޅުގަނޑުމެން ޕްރޮޖެކްޓްސްތައް ހިންގާ ރަށްރަށުގަ ދަނީ ކުރިއަށް ގެންގޮސް ދެމުން،" އޭނާ ވިދާޅުވި އެވެ.
އެ ދެ ރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ކުރާ ސާވޭ އާއި ޑިޒައިންގެ މަސައްކަތް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ފެށޭނެ ކަމަށާއި، އަދި ވީހާވެސް އަވަހަކަށް މަސައްކަތް ނިންމައި މިނިސްޓްރީ އާއި ހަވާލުކުރައްވާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.