16 Aug 2016, 15:03
އޮލިމްޕިކް ގޭމްސްގެ 800 މީޓަރު ދުވުމުގެ ރަން މެޑެލް ދިފާއުކޮށް، ކެންޔާގެ ޑޭވިޑް ރޫޑިޝާ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފި އެވެ.
އެ ކާމިޔާބީއާ އެކު އުމުރުން 27 އަހަރުގެ ރޫޑިޝާ ވެފައި ވަނީ 1964 ވަނަ އަހަރަށްފަހު އޮލިމްޕިކްސްގެ 800 މީޓަރު ދުވުމުގައި ރަން މެޑެލް ދިފާއު ކުރި ފުރަތަމަ ދުވުންތެރިޔާ އަށެވެ. އޮލިމްޕިކް ގޭމްސް 1964ގައި ރަން މެޑެލް ދިފާއު ކުރި ދުވުންތެރިޔަކީ ނިއު ޒިލޭންޑްގެ ޕީޓާ ސްނެލެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 800 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް، ރޫޑިޝާ ރޭސް ނިންމީ އެއް މިނެޓް 42.15 ސިކުންތުންނެވެ. ރިހި މެޑެއްޔެއް ހޯދީ އެއް މިނެޓް 42.61 ސިކުންތުން ރޭސް ނިންމި އަލްޖީރިއާގެ ތައުފިކް މަޚްލޫފީ އެވެ. އަދި ލޯ މެޑެއްޔެއް ހޯދީ އެއް މިނެޓް 42.93 ސިކުންތުން ރޭސް ނިންމި އެމެރިކާގެ ކްލޭޓަން މާފީ އެވެ.
"އަހަރެން ވަރަށް އުފާވެއްޖެ. މިއީ އަހަރެންގެ ކެރިޔަރުގެ އެންމެ މުހިއްމު ވަގުތު. މިފަދަ ބޮޑު މުބާރާތެއް ކާމިޔާބު ކުރެވުމަކީ އަހަރެންނަށް ލިބުނު ބޮޑު އުފަލެއް،" އެންމެ ފަހުން ބޭއްވި އޮލިމްޕިކްސް 2012ގެ 800 މީޓަރު ދުވުމުގެ ރަން މެޑެލް ވެސް ހޯދި ރޫޑިޝާ ބުންޏެވެ.