16 Aug 2016, 16:28
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސްކީމް"ގައި މޯލްޑިވް ގޭސް އިން ބައިވެރި ވެއްޖެ އެވެ.
މިއަދު މެންދުރު ލެމަންގުރާސް ސިޓްރޯންގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ގޭސް އިން ވަނީ އެ ސްކީމުގައި ބައިވެރިވުމަށް ހައްޖު ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މިއީ އެ ސްކީމުގައި ބައިވެރިވި 31 ވަނަ ފަރާތެވެ.
މުވައްޒަފުންގެ ސްކީމުގައި ބައިވެރުމަށް ހައްޖު ކޯޕަރޭޝަނާއެކު މޯލްޑިވް ގޭސް އިން މިއަދު ސޮއި ކުރި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނު (މާނު) އެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ ބޯޑް ޑިރެކްޓަރު މުހައްމަދު ރިޒާ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅުދައްކަވަމުން މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމަކީ އެ ސްކީމުގައި ބައިވެރިވާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ކަމެއް ކަމަށެވެ. އަދި ސްކީމުގައި މޯލްޑިވް ގޭސް އިން ބައިވެރިވީ އެ ކުންފުނީގެ މުވައްޒަފުންނަށްޓަކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޯލްޑިވް ގޭސްގައި 200 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، 136 މުވައްޒަފުންނަކީ ދިވެހިންނެވެ.
މުވައްޒަފުންގެ ސްކީމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާއަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސްކީމެކެވެ. އަދި ސްކީމުގައި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އެ ސްކީމާ ގުޅޭގޮތުން ސަން އިން މީގެ ކުރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކޯޕަރޭޝަ،ންގެ ބޯޑް ޑިރެކްޓަރު މުހައްމަދު ރިޒާ ވިދާޅުވީ، ވަކި އަތޮޅުތަކަށް ޒިޔާރަތްކޮށް އެ ސްކީމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގަން ކައުންސިލްތަކާއެކު ސޮއި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދިހަހާސް މުވައްޒަފުން އެ ސްކީމްގައި ބައިވެރިވުން ކަމަށް ވިދާޅުވި އެވެ.