16 Aug 2016, 14:20
ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ކުރީގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
މުންދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ފާސް ކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެން 63 މެމްބަރުންގެ އިއްތިފާގުން ނެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ)ގައި ބުނެފައި ވަނީ ބޭރު ގައުމުތަކަށާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާ ސަފީރުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން އައްޔަން ކުރަންވާނެ ކަމަށެވެ.
ޖަޕާނުގެ ސަފީރުކަމަށް މުންދު އައްޔަން ކުރެއްވުމުގެ މައްސަލަ މިއަދު ކޮމެޓީއަށް ފޮނުވާފައިވާ އިރު މިހާރު އެ މަގާމުގައި ހުންނެވީ އަހްމަދު ހަލީލެވެ. ނަމަވެސް އޭނާގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.
މުންދު އަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެފަހުން މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން އޭނާ ވަނީ ކުރައްވައިފަ އެވެ.
މުންދު އެންމެ ފަހުން ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.