29 May 2011, 18:23
ޑީއާރްޕީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅުނު ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ތަފްސީލްތައް ފުރިހަމަ އަށް ހުށަހަޅައިފި ނަމަ ބުރާސްފަތި ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ ނަން ރިޔާސަތުން އިއުލާން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ ޑީއާރްޕީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަތް މަޖިލިސް މެންބަރުންގެ ނަންތައް އެމްޑީޕީން މަޖިލީހުގެ އިދާރާއަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި އެ ލިޔެކިޔުންތަކާ އެކު މަޖިލީހުގައި މެންބަރުން ތަމްސީލު ކުރައްވަމުންދާ ޕާޓީ ބަދަލުވެ، މެޖޯރިޓީ އަށް ބަދަލު އަންނަ ނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ ނަން ރިޔާސަތުން އިއުލާން ކުރައްވާނެ ކަމަށް އަމީން އާންމު ވިދާޅުވި އެވެ. އަދި އެމްޑީޕީން މަޖިލީހުގެ އިދާރާ އަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ އަށް ހުށަހެޅުމާ އެކު އަންނަ ބުރާސްފަތި ދުވަހު ބާއްވާ މި އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވެސް މެޖޯރިޓީ ލީޑަރު އިއުލާން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"މެންބަރުން ބަދަލުވި ގޮތުގެ ލިޔެކިޔުންތައް ހުށަހެޅުމުން އެ ބަދަލު އަންނާނެ ކަމަށް ލަފާކުރެވެނީ. އެ ލިޔެކިޔުންތައް ލިބެމުންދަނީ. ]ޕާޓީ ބަދަލުވި[ ހުރިހައި މެންބަރުންގެ ލިޔެކިޔުންތަކެއް ނުލިބޭ. އެކަމަކު ގިނަ ބޭފުޅުންގެ ލިޔެކިޔުންތަކެއް ލިބިފައި ވަނީ،" އަމީން އާންމު ވިދާޅުވި އެވެ.
މިއަހަރުގެ ފުރަތަމަ ދައުރު ނިމި ޗުއްޓީއަށް މަޖިލިސް ދިއުމާ އެކު އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑިއާރްޕީން ވަނީ މަޖިލިސް މެންބަރުންތަކެއް ވަކިވެވަޑައިގެންފަ އެވެ. އެ ގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މާފަންނު ހުނޅަގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުރަހީމް ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ]އަލިބެ[ ވެސް ވަނީ ޑީއާރްޕީން ވަކިވެވަޑައިގެންފަ އެވެ. ނަމަވެސް އޭނާ އަދި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމެއް މީޑިއާއަކާ ހިއްސާއެއް ނުކުރައްވަ އެވެ.
މަޖިލީހުގައި މެޖޯރިޓީ އާއި މައިނޯރިޓީ އަށް މިހާރު ބަލާލާ އިރު، ވެރިކަން ކުރާ އެމްޑީޕީން މަޖިލީހުގައި 34 ގޮނޑި ކޮންޓްރޯލް ކުރާނެ އެވެ. އަދި އެމްޑީޕީއާ އެކު މަޖިލީހުގައި ކޯލިޝަން ހަދާފައިވާ ލޭބާ ޕާޓީގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ]ރެޑްވޭވް ސަލީމް[ އާއެކު އެމްޑީޕީއަށް 35 ގޮނޑި ލިބޭނެ އެވެ. އަދި އިދިކޮޅު ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ލިބޭނީ 31 ގޮނޑި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި އެ ދުވަހުގެ ޖަލްސާގެ އެޖެންޑާ ވެސް ވަނީ މިހާރު އިއުލާންކޮށްފަ އެވެ. އެ ގޮތުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ހުށަހަޅުއްވާފައިވާ ޕޮލިސް އިންޓްގްރެޓީ ކޮމިޝަންގެ ބިލުގެ ފުރަތަ ކިޔުން އިއްވުމުގެ ގޮތުން އެ ސުރުހީ މަޖިލީހަށް އިއްވުމާއި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި ސިއްހީ ހިދުމަތުގެ ސިޔާސަތު ކަނޑައެޅުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެ އެވެ. އަދި ގަލޮޅު ދެކެނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހުށަހަޅުއްވާފައިވާ ގޭންގު ކުށްތަކާ ބެހޭ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ އިތުރުން މުސާރައިގެ އޮނިގަނޑުގެ ގަރާރެއް ހުށަހެޅުން ހިމެނޭ ކަމަށް ވެސް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އަދި ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާއި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުން ވެސް ހިމެނެ އެވެ.