ދެކުނު އޭޝިއާގެ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ކެޓަގަރީތަކަށް 200 އަށް ވުރެ ގިނަ ފަރާތްތަކުން ނޮމިނޭޓް ވެއްޖެ އެވެ.

އޭޝިއާ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ހުޅުވާލައިގެން ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން އިންތިޒާމްކުރާ "ސަޓާ" އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވީ އިއްޔެ އެވެ.

ސަޓާ އެވޯޑުގައި 10 ސެގްމަންޓަކުން 39 ކެޓަގަރީ އަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، އެވޯޑަށް 200 އަށް ވުރެ ގިނަ ފަރާތްތަކުން ނޮމިނޭޓް ވެފައިވެ އެވެ. އޭގެ ތެރެއިން ގިނަ ކެޓަގަރީތަކަށް ރާއްޖޭގެ ގިނަ ފަރާތްތަކަކުން ވަނީ ނޮމިނޭޓްވެފަ އެވެ.

ސަޓާ އެވޯޑުގެ ވިޒިޓާސް ޗޮއިސްގެ ނުވަ ކެޓަގަރީން އަށް ކެޓަގަރީ އަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާ އިރު، ރާއްޖެ ނޮމިނޭޓް ވެފައިނުވަނީ ހަމައެކަނި ލީޑިން ހެރިޓޭޖް ޑެސްޓިނޭޝަން ބައިންނެވެ.

ސަޓާ އެވޯޑުގެ ސެލްފް ނޮމިނޭޓެޑް ކެޓަގަރީގައި ހިމެނޭ 30 ކެޓަގަރީ އަކުން ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓްވެފަ އެވެ.

އެގޮތުން ލީޑިން ލިވަބޯޑް ބްރޭންޑާއި ލީޑިން ލިވަބޯޑާއި ލީޑިން ޑައިވް ހޮޓެލް/ ރިސޯޓްގެ އިތުރުން ލީޑިން އިކޯ ރިސޯޓް/ ހޮޓެލް އަދި ލީޑިން ސާފް ހޮޓެލް/ ރިސޯޓް ކެޓަގަރީ އަށް ނޮމިނޭޓް ވެފައި ވަނީ ހުސް ރާއްޖޭގެ ފަރާތްތަކުންނެވެ.

މިއަހަރު ބާއްވަން ހަމަޖެހިފައިވާ ސަޓާ އެވޯޑު ބާއްވާނީ ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެންނެވެ.

މީގެ އިތުރުން، ޕާޓްނަރުންގެ ގޮތުގައި ރާއްޖޭގެ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އަދި އިންޑިއާ ކޮންފެޑެރޭޝަން އޮފް އެކްރެޑިޓެޓް ޓުއާ އޮޕަރޭޓާސް (ސަޓޯ) ބައިވެރިވެ އެވެ.

ރާއްޖޭގެ ފޯކަލް ޕައިންޓެއްގެ ގޮތުގައި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އިން ހަރަކާތްތެރިވާ ސަޓާ އެވޯޑް ރަސްމިއްޔާތު އޮންނާނީ މި އަހަރުގެ އޮކްޓޯބަރު މަހު ކޮލަންބޯގަ އެވެ.