ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 މެމްބަރުންނަށް ވުރެ އިތުރު ނުވާ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ފާހެއް ނުވި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި އަގުލަބިއްޔަތުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްތެވެ.

ގާނޫނު އަސާސީއަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އެ އިސްލާހު ފާސްކުރަން މިއަދު ނެގި ވޯޓުގައި ލިބުނީ 47 ވޯޓެވެ. އިސްލާހު ފާސް ކުރުމާ ދެކޮޅަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ.

ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް މެމްބަރުންގެ އަދަދަކީ 85 ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް ވަކި އިންތިޚާބީ ދާއިރާ ތަކެއްގެ ގޮތުގައި ކަނޑައަޅަން ވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އިންތިޚާބީ ދާއިރާއަކުން އިންތިޚާބު ކުރާނީ އެންމެ މެމްބަރެއް ކަމަށް ވެސް އާމިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަދަދަކީ 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެކުލަވާލެވުނު ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް 85 މެމްބަރުން ކަމަށެވެ.

ގާނޫނު އަސާސީގެ 71ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކުން މެމްބަރެއް ކަމަށެވެ. އަދި ބުނީ ރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފަސްހާހަށް ވުރެ އިތުރުވާނަމަ އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެމްބަރެއް ކަމަށެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައި ވަނީ ރާއްޖޭގެ އާބާދީ ހަތަރު ލައްކައެއްހާ މީހުންގެ މައްޗަށް ބިނާވެފައިވާއިރު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް އިންތިހާބު ކުރެވޭ މެމްބަރުންގެ އަދަދު އިތުރުވެގެން ދިޔުމަކީ ކަންބޮޑުވާކަމެއް ކަމަށް ވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 އަށްވުރެ އިތުރުވެގެން ދިއުމަކީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރަޓިކް ނިޒާމެއްގައި އެންމެ އެކަށޭނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް އިސްލާހު ހުށަހެޅުއްވި ސަބަބު ތަކުގެ ތެރޭގައި އާމިރު ބަޔާން ކުރައްވާފައިވެ އެވެ.