16 Aug 2016, 15:32
މެލޭޝިއާގައި ދިވެހި ކުންފުންޏެއްގެ ކަނޑު ބޯޓެއް މިދިޔަ މަހު ހައިޖެކްކޮށް އިންޒާރު ދިން ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމު ރަޝާދު މިއަދު މަޖިލީހުގައި ވިދާޅުވި ނަމަވެސް އެފަދަ ކަމެއް ހިނގިކަން ހައިކޮމިޝަނަށް އެނގިފައިނުވާ ކަމަށް މެލޭޝިއާ އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފަހުމީ ހަސަން ވިދާޅުވެއްޖެ އެވެ.
ފަހުމީ "ސަން" އަށް މިއަދު ވިދާޅުވީ އެފަދަ ހާދިސާއެއް މެލޭޝިއާގައި ހިނގައި ދިޔަ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
"ހައިކޮމިޝަނަށް އެނގިފައެއް ނެތް މެލޭޝިއާގައި ތިޔަ ވިދާޅުވާ ފަދަ ތިޔަ ވިދާޅުވި ފަދަ ހާދިސާއެއް ހިނގި ކަމެއް." ފަހުމީ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ ދައުލަތެއް އުފެދި އެ ދައުލަތުން ވަޒީރުންނާއި ސަފީރުން އައްޔަން ކުރައްވަނީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. ނަމަވެސް ބައެއް ކަންކަމުގައި އެފަރާތްތައް އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝީދު: ފޮޓޯ/ މަޖިލިސް
"އިއްޒަތްތެރި ރައީސް މި ދިމާވާ ހާދިސާއަކީ މެލޭޝިއާގެ ބަނދަރުގައި ދިވެހި ދިދަ ނަގާފައި އޮތް ދިވެހި ކުންފުންޏެއްގެ ބޯޓެއް ބަޔަކު ހައިޖެކް ކުރީ. މި މައްސަލާގައި ދިވެހިރާއްޖޭގެ ހައި ކޮމިޝަނެއް މެލޭޝިއާގައި ހުރީތީވެ މި ދެންނެވި ދިވެހި ކުންފުނިން ދިވެހި ކުންފުނިން ހައި ކޮމިޝަނަށް އެންގި. ހަމަ އެފަދައިން ބޯޓު ސަލާމަތްކޮށް މެލޭޝިއާ އިން ފުރުމާ އެކު ބޯޓު ހައިޖެކް ކުރި މީހުން ބުނީ އެ ބޯޓު ފައްތާލާނެ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ބޯޓު ހައިޖެކް ކުރި މީހުން ބޯޓު ފައްތާލައި، އޭގައި ތިބި މީހުން މަރާލާނެ ކަމުގެ އިންޒާރު ދިނުމުން އެ މައްސަލަ މައްސަލަ ސިންގަޕޫރުގެ މެރިން ޕޮލިހަށް އެންގި ކަމަށެވެ. އަދި އެ މައްސަ ހުށަހެޅިތާ ފަސް މިނެޓު ތެރޭގައި، ބޯޓަށް ވަމުން ދިޔަ ގޮތް ވަރަށް ގާތުން ބަލަމުން ގޮސް ބޯޓާއި ބޯޓުގައި ތިބި މީހުން ސަލާމަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް އެއް މަސް ދުވަސް މިހާދިސާ އަށް ވެގެން ދިޔައިރު ވެސް މެލޭޝިއާގައި ހުންނަ ހައިކޮމިޝަނަރު ފަރާތުން ހަމަ ޗުއްޕުވެސް ބުނެ ނުލިއޭ. މިއަދާ ހަމައަށް އައިއިރު ވެސް." ނާޒިމް ވިދާޅުވި އެވެ.