16 Aug 2016, 13:39
އިންސާނިއްޔަތަށް ހިދުމަތް ކުރުމަށް ދިރާގުން، ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.
ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަށާއި ރެޑް ކުރެސެންޓުގެ އަހަރީ ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ދިރާގުން ވަނީ 50،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ދިރާގުގެ ޗީފް މާކެޓިން އޮފިސާ އިސަބެލް ހަޖްރީ ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓަކީ އިންސާނިއްޔަތަށްޓަކައި ރާއްޖޭގައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމާއަތަށް ވެފައި، އެ ފަރާތާއެކު ދިރާގުން މަސައްކަތްކުރަން ލިބުމަކީ އުފާކުރާ ކަމެކެވެ.
"ކުރިއަށް އޮތްތާގައި ވެސް ރެޑް ކްރެސެންޓުން އިންސާނިއްޔަތަށް ކުރައްވާ އަގު ހުރި މަސައްކަތަށް ދިރާގުން އެއްބާރުލުން ދޭނެ،" އޭނާ ވިދާޅުވި އެވެ.
ދިރާގުން މިއަދު ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ދިގު މުއްދަތެއްގައި މަސައްކަތްކުރުމަށް އެޅޭ ފުރަތަމަ ބިންގަލެއް ކަމަށް ދިރާގުން ބުނެ އެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބާޝިޕަކީ ކާރިސާގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށް ދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.