ނިއުޔޯކް (އޮގަސްޓް 16): އެމެރިކާގެ ނިއުޔޯކުގައި މިދިޔަ ހޮނިހިރު ދުވަހު އިމާމަކާއި އޭނާގެ އެހީތެރިޔާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ފުލުހުން ދައުވާ ކޮށްފި އެވެ.

ނިއުޔޯކްގެ ފުލުހުންގެ ޑިޕާންޓްމެންޓުން ބުނި ގޮތުގައި އިމާމް މައުލާމާ އަކޮންޖީ އާއި ތަރައުއްދީން މަރާލުމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ 35 އަހަރުގެ އޮސްކާ މޮރެލްގެ މައްޗަށެވެ.

މިދިޔަ އާދިއްތަ ދުވަހު މޮރެލް ފުރަތަމަ ހައްޔަރު ކުރީ މައުލާމާ އާއި ތަރައުދީން މަރާލި ސަރަހައްދު ކައިރީގައި ހިނގި ޓްރެފިކް އެކްސިޑެންޓަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެކްސިޑެންޓުވި އެއް އުޅަނދަކީ މައުލާމާ އާއި ތަރައުއްދީންގެ ބޮލަށް ބަޑި ޖެހުމަށް ފަހު ފިލި މީހާގެ އުޅަނދާ އެއް ވައްތަރުގެ އުޅަނދެއްކަން ސީސީޓީވީ ފުޓެޖުން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ބަނގުލަދޭޝްއިން އެމެރިކާ އަށް ބަދަލުވި އިމާމް މައުލާމާ މަރާލާފައި ވަނީ ނިއުޔޯކުގެ އަލް ފުރުގާން ޖޭމް މިސްކިތާ މާދުރު ނޫން ހިސާބަކުންނެވެ. އެ މިސްކިތަކީ ބަންގުލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ގޮސް އުޅޭ މިސްކިތެކެވެ.

އިމާމް މައުލާމާގެ އެކުވެރިން ބުނި ގޮތުގައި އޭނާ މަރާލާފައި ވަނީ ނަމާދުކޮށް ނިންމާފައި ދިޔަ މަގުމަތީގަ އެވެ. (ބީބީސީ)