16 Aug 2016, 13:15
މިދިޔަ މަހު ރާއްޖެއަށް މުދާ އެތެރެ ކުރިވަރު ދެ ޕަސެންޓް ދަށްވިއިރު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު 30 ޕަސެންޓް ދަށްވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބްތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް އެތެރެކޮށްފައި ވަނީ 2.2 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހު އެ އަދަދު ވަނީ 2.1 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
އިމްޕޯޓް ދަށްވި ސަބަބެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައި މަހު 204 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި އަހަރުގެ ޖުލައި މަހު މި ޢަދަދު ވަނީ 143 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ކަސްޓަމްއިން ބުނީ އެކްސްޕޯޓް ދަށްވެފައި ވަނީ މަހުގެ ބާވަތްތަކުގެ އެކްސްޕޯޓް ދަށްވެފައި ވާތީ ކަމަށެވެ.
އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީގެ ތަފާސް ހިސާބްތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު ވަނީ ހަ ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 196 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ލިބިފައި ވަނީ 185 މިލިއަން ރުފިޔާއެވެ.