ބ. ތުޅާދޫގައި ވިހެއުމަށް ފަހު ދަރިފުޅު މަރާލި ކަމަށް ތުހުމަތު ކުރެވޭ އެ ރަށު ހުދުއަސުރުމާގޭ ފާރިހާ އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގައި ހެކި ހުށަހެޅުމަށް ދައުލަތަށާއި ފާރިހާއަށް ތިން ދުވަހުގެ މުއްދަތެއް ދީފި އެވެ.

އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލާފައި ވަނީ ތުޅާދޫގައި އޭނާ ދިރިއުޅޭ ދޮންވެލިގޭގެ ފާޚާނާތެރެއަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ދަރިއަކު ވިހެމަށް ފަހު ފާޚާނާތެރެއަށް ދަރިފުޅު ވެއްޓުމުން ފާޚާނާތަރެއަށް ފެންޖެހުމަށް ފަހު ނުކުމެގެންގޮސް، އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ފާޚާނާތެރެއަށް ވަދެ ފެންހިންދާ ވަޅުގަނޑުގެ ތެރެއަށް ފާރިހާ އެ ދަރިފުޅު ވައްޓާލާފައިވާ ކަމަށް ބުނެ އެވެ.

އަދި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލީ ދަރިއަކު ވިހެއުމަށް ފަހު އެ ދަރިފުޅުގެ އުފަން ދުވަހުގެ ސެޓްފިކެޓު ހަދާފައިނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އުފުލި ދައުވާއަށް ޖަވާބުދާރީވަމުން ފާރިހާގެ ފަރާތުން ވަކީލު ވިދާޅުވީ ތުހުމަތުކުރެވޭ މައްސަލައަށް އިންކާރު ކުރާ ކަމަށެވެ. އަދި ކުއްޖާއަށް ބަނޑުބޮޑު އިރުވެސް ވިހެއުމަށްފަހު ވެސް އަނިޔާއެއް ނުކުރާ ކަމަށް ވަކީލު ވިދާޅުވި އެވެ.

އެކަމަކީ ޖިންސީ އަނިޔާގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށާއި އެއީ ނަފްސާނީ ހާލަތެއް ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމައްސަލާގައި ކުށެއް ކުރުމުގެ އެއްވެސް ނިޔަތެއް ފާރިހާގެ ނެތް ކަމަށެވެ.

ކުއްޖާ މަރުވެފައި ވަނީ ފާރިހާ ކުރި އަމަލަކުންކަން އެނގެން ނެތްކަމަށް ވަކީލު ވިިދާޅުވި އެވެ. ކުއްޖާ ވިހޭއިރު ދިރިހުރިކަންވެސް އެނގެން ނެތްކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ފާރިހާާ ކުއްޖާއަށް ބަނޑުބޮޑު އިރުވެސް ވިހޭފަހުންވެސް އެއްވެސް އަނިޔާއެއް ނުކުރާ ކަމަށާއި ޑޮކްޓަރުންގެ ލިޔުންތަކުން ވެސް ކުއްޖާއަށް އަނިޔާއެއްވި ކަމެއް އެނގެން ނެތް ކަމަށެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ ފާރިހާ އެކުއްޖާ ވިހެއުމަށް ފަހު ފާޚާނާތެރެއަށް ދަރިފުޅު ވެއްޓުމުން ފާޚާނާތަރެއަށް ފެންޖެހުމަށް ފަހު ނުކުމެގެންގޮސް، އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ފާޚާނާތެރެއަށް ވަދެ ފެންހިންދާ ވަޅުގަނޑުގެ ތެރެއަށް ފާރިހާ އެ ދަރިފުޅު ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް ދައުވާގެ އެބަޔަކަށް ފަރީހާގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

އެކަމަކީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއްކަމަށް ފާހަގަކޮށް ފާރިހާގެ ވަކީލު ވަނީ އޭނާގެ ނަފްސާނީ ޓެސްޓް ހަަދައި އޭގެ ރިޕޯޓު ހުށަހަޅާފަ އެވެ.

އެފަދަ ޓެސްޓެއް ހަދަން ބޭނުންވާ ނަމަ އެފުރުސަތު ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. ދައުލަތުގެ ފަރާތުން ވަކީލު ވިދާޅުވީ ރިޕޯޓު ބެލުމަށް ފަހު އެކަމަށް އެއްޗެސް ބުނާނެ ކަމަށެވެ. އެމައްސަލައިގެ އަޑުއެހުން މިއަދު ނިންމާލާފައި ވަނީ ހެކި ހުށަހެޅުމަށް ދެފަރާތަށް ވެސް ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުންނެވެ.

މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލީ ގާނޫނުލް އުގޫބާތުގެ 414 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.