"ކޮއްކޮ ބޭނުމީ ގެއަށް ދާން ސައިބޯން. މިގެ ވަރަށް ހަޑި. މަންމާ ހިނގާ ދާން،" ތުއްތު ތުއްތު މައިޝާން އޭނާގެ މައްމަގެ ގައިގާ އޮޅުލައިގެންފައި ބޮޑާ ހާކަމުން ބުންޏެވެ. "ގެއެއް ނެތޭ މިހާރު ދަރިފުޅާ، މިގޭގައި ކިހާ ރީތި ޕާކެއް މި އޮތީ. ދޭބަލަ ކުޅެލަން،" މައިޝާންގެ މަންމަ ރުކްޝާނާ އަބްދުއްޝައްތާރު މައިޝާން ހަމަޖެއްސުމުގެ ގޮތުން ބުންޏެވެ.

މައިޝާން ގެއަށް ދާން ކިތަންމެ ހާވެސް ބޭނުމެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނދައި ހުލުވި މައިޝާން ދާން އެ ކިޔަނީ ގ. ސާލިމިއްޔާ އެވެ. އެ ދުވަހުން ފެށިގެން މައިޝާން އާއި އޭނާގެ އާއިލާ ދިރިއުޅެމުން އަންނަނީ ސޯޝަލް ސެންޓަރުގެ ވަގުތީ ހިޔާގަ އެވެ. މައިޝާން ބަސް އަހައިގެން ކުޅެން ދިޔަޔަސް ތަންދޮރު އޮޅުންފިލާފައިވާ މީހުން ތިބީ އަދިވެސް ހިތްހަމަނުޖެހުމާއި މާޔޫސްކަމުގަ އެވެ. އަނދައި އަޅިއަށް ވި ހިތި ދިރިއުޅުމާއި މިހާރު ބަރުދާސްކުރަން ޖެހޭ ދަތި އެ ދުވަހު ސާލިމިއްޔާ އިން އެރި ދުމާއި އަޅިއަށް ވުރެ ބޯވެފައި ކަޅެވެ.

"ދުވާލު ވެއްޖިއްޔާ އެހާ ހޫނު. ރޭގަނޑު ވެއްޖިއްޔާ އެހާ ފިނި. ފާހާނާގައި ތަންޑް ހުރިއްޔާ ފެނެއް ނެތް. އިސްކުރި ހުރިއްޔާ ފެނެއްނާދޭ. ފެންވަރަން މި ހުންނަނީ އެންމެ ފާހާނާއެއް. ތަންޑް ނުހުންނާތީ އެކަކު ގާޑްކޮށްގެން ހުންނަނީ ފެންވަރާ އިރު،" ދެ ކުދިންނާއި ފިރިމީހާ އާ އެކު ވަގުތީ ހިޔާގައި ދުވަސްތައް ގުނަމުން އަންނަ ފާތިމަތު އަފާ ކިޔައިދިނެވެ.

އަފާ އެ ވާހަކަ ކިޔައިދެމުން ދިޔައިރު ހޫނުގަދަ ކަމުން ގައިން ދާތައް ފައިބަ އެވެ. އަދި އެއީ ފަންކާ ޖަހާފައި ހުރި އިރުވާ ވަރެވެ. ގޮދަޑިތައް މުޅި ތަނުގައި ފަތުރާލާފައި އޮތް އިރު މުޅި ތަނުގައި އޮތީ އެއްޗިހިތަކުން ތޮއްޖެހި ވަރަށް ބޮޑަށް އުދާސްވެފަ އެވެ. އަންހެނުން ނިދަން ހަދާފައި ހުރި ބައިހުރީ ޕާޓިޝަން ޖަހައި ވަކިކޮށްފަ އެވެ. އެތަނެކޭ އަވަނެކޭ އެއްވަރެވެ. ހުރީ އެންމެ ފަންކަލެކެވެ. ފުރާޅު ހުރިލެއް ތިރިކަމުން ފަންކާ ޖަހާފައި ހުއްޓަސް އަރާ ހޫނަށް ފިނިކަމެއް ނުލިބެވެ.
"ކުރިއަށް ވުރެ މިއަދު މާ ހިތްދަތި. ކުރިމަތީ ހުރިހާ އެއްޗެއް އަނދައި ހުލިވީ. އެ ހިއްދަތިކަމާއި އަދި މިތަނުގެ ދަތި ހާލުތަހައްމަލްކޮށްގެން މި އުޅެނީ،" ފެންކަޅިވެފައި ހުރެ އަފާ ކިޔައިދިނެވެ.

ވަގުތީ ހިޔަލުގައި ގާތްގަނޑަކަށް 54 މީހަކު އުޅޭ އިރު އެތަނުގައި ތިބި މީހުންނަށް ކޯބޯތަކެއްޗާއި ފެން އަދި އަންނައުނު ފޯރުކޮށްދެނީ އެމްއެންޑީއެފާއި މާލޭ ސިޓީ ކައުންސިލުންނެވެ.

ހިޔަލުގައި މައްސަލަތައް ފުނިޖެހިފައި ވަނިކޮށް މިއަދު ވަނީ އެހެން މައްސަލައެއް ވެސް ދިމާވެފަ އެވެ. މާލޭ ސިޓީ ކައުންސިލުން ގެންގުޅޭ ލިސްޓުގައި އެތަނުގައި ތިބި އަދަދަށް ވުރެ ބޮޑުތަނުން މީހުން މަދުވުމެވެ.

"އަސްލު 50 ހަކަށް މީހަކު މި އުޅެނީ. އެކަމަކު 30 އެލިސްޓުގައި އޮތީ. އޭތި އަޕްޑޭޓް ނުކޮށް އެ އޮތީ. އެމީހުން ބުނީ މިއަދުން ފެށިގެން އިތުރަށްވާ ]ލިސްޓުގައި ނަން ނެތް[ މީހުންނަކަށް ވަގުތީ ހިޔަލެއް ނުލިބޭނޭ. ބޭރަށް ދާންށޭ ޖެހޭނީ،" އަފާ ކިޔައިދިނެވެ.

މިއަދުން ފެށިގެން މާލޭ ސިޓީ ކައުންސިލުން ވަގުތީ ހިޔަލުގައި ތިބި މީހުންގެ ކަންތައްތަކާ ހަވާލުވިޔަސް އެ ހިޔަލުން ހިޔާވަހިކަން ހޯދައި ވަރުބަލިވެފައިވާ މީހުން ތިބީ އުފަލަކުންނޫނެވެ.

"އަޅުގަނޑުމެންނަކަށް ނެތް ޔަގީންކަމެއް އެމީހުންނަކަށް. އަޅުގަނޑުމެންނަށް މިހާރު ވެސް ކާއެއްޗިހި ގެނޭ. އެކަމަކު އެންމެންނަށް ވާވަރަކަށް ނޫން. އަނެއްކާ ގެންނަލެއް ލަސް. މިއަދު ވެސް 2 ޖަހަން އުޅެނިކޮށް ކާއެއްޗިހި މި ގެނައީ. ދަރިފުޅު ހުރީ ހަމަ ކޮޅަށް ޖެހިފައި. އޭނަ ވަރަށް ރުއި. ދެން އެ އެތި ކޮޅު ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް،" ރޮމުން ދިޔަ ދަރިފުޅު އުނގުމަތީގައި ބާއްވައިގެން ނިންދަވަން މަސައްކަތް ކުރަމުން އަފާ ބުންޏެވެ.

ލާން ގެންގުޅުނު އަންނައުނުތަކާއި ފޮތް ފަންސޫރާއި ރީތިވާ އެއްޗިހި ވެސް ވަނީ އަލިފާނާ އެކު އަނދައި އަޅިއަށް ވެފަ އެވެ. އެމީހުން މިއަދު ތިބީ ހުސްއަތާ އެވެ.

"ނަސީބެއް ޗުއްޓީ އަށް ވީކަން އޭރު ކުދިން ލައިގެން ހުރި ޔުނީފޯމު ފިޔަވައި އެއްވެސް އެއްޗެއް ނެތް. ފޮތް ކޮޅު ވެސް އެކީއެކަށް ހުލިވީ. މީހުންގެ ދީލަތި އެހީގަ އާއި ސިޓީ ކައުންސިލުން ދިން 1000ރ. ގައި މި އުޅެނީ،" ނުގާ އައިޝަތު މިހާތަނަށް ދިން އެހީއާ ބެހޭ ގޮތުން ހިޔާލުފާޅުކުރި އެވެ.

އިގުތިސޯދު ދަށަށް ގޮސްފައިވާ ދަނޑިވަޅުގައި އެންމެ 1000 ރުފިޔާއިން ވެސް ކުރާނެ މާބޮޑު މަންފާއެއް ނެތެވެ. އެމީހުން މިއަދު އެ ތިބީ ހުސްއަތާ އެވެ. ފުރާނަ ސަލާމަތް ކުރެވުނު ކަމުގެ ހިތްހަމަ ޖެހުން ނޫން ހިތްހަމަޖެހުމެއް އެމީހުންގެ މިއަދަކު ނެތެވެ. އެމީހުންގެ ކުރިމަތިން ތަމްސީލް ވަމުން ދަނީ އަނދައި އަޅިއަށްވި މީގެ ދުވަސްކޮޅެއް ކުރީގެ އުފާވެރި ހަޔާތެވެ. ނަމަވެސް މިއަދު ހިތްދަތި ކަމާ ކުރިމަތި ލުން ނޫންގޮތެއް އެމީހުންނަކަށް ނެތެވެ. އެ ހިތްދަތި ކަމަށް އެހީތެރިވުމުގައި މާލޭ ކައުންސިލުން ތިބޭނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.