16 Aug 2016, 10:52
ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ކުރީގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށްފަހ،ު އެ މަގާމަށް މުންދު އައްޔަން ކުރަން ފެންނަ ކަމަށް ގައުމީ ސަލާމަތު ކޮމެޓީން ނިންމައިފި އެވެ.
އެ ކޮމެޓީން އެގޮތަށް ނިންމީ ވޯޓުގައި ހާޒިރުވެވަޑައިގެން މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ)ގައި ބުނެފައި ވަނީ ބޭރު ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާ ސަފީރުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން އައްޔަން ކުރަންވާނެ ކަމަށެވެ.
ޖަޕާނުގެ ސަފީރުކަމަށް މުންދު އައްޔަން ކުރެއްވުމުގެ މައްސަލަ މިއަދު ކޮމެޓީއަށް ފޮނުވާފައިވާ އިރު މިހާރު އެ މަގާމުގައި ހުންނެވީ އަހްމަދު ހަލީލެވެ. ނަމަވެސް އޭނާގެ މަގާމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.
މުންދު އަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެފަހުން މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން އޭނާ ވަނީ ކުރައްވައިފަ އެވެ.
މުންދު އެންމެ ފަހުން ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.