ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގަމުން ގެންދާ ތައުލީމާއި ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތަކުގައި "ރިކޮގްނިޝަން" ތައްގަނޑުޖެހުން ހުއްޓާލުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ރިކޮގްނިޝަން ތައްގަނޑުޖެހުން ހުއްޓާލުމަށް ނިންމާފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކަކީ އެމްކިއުއޭގެ ހުއްދައާއެކު ހިންގަމުންދާ ޕްރޮގްރާމް ތަކަކަށް ވާތީ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެ އޮތޯރިޓީން ބުނީ އެ އޮތޯރިޓީގެ ހުއްދައާއެކު ހިންގަމުންދާ ޕްރޮގްރާމްތައް ނިންމާ ދަންވެނިވާ ދަރިވަރުންނަށް ސަނަދު ދެނީ އެ އޮތޯރިޓީން އެ ޕްރޮގްރާމެއް ހިންގާފައިވާ ގޮތަށް ބަލައި ސަނަދު ދިނުމުގެ ހުއްދަ ދިނުމުން ކަމަށެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން ތައްގަނޑުޖެހުން ހުއްޓާލުމަށް ނިންމި ކަމުގައި ވިޔަސް ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ސަނަދަކާ ގުޅޭ ގޮތުން މައްސަލައެއް ކުރިމަތި ވެގެން އިތުރު ތަފްސީލް ބޭނުންވެއްޖެނަމަ އެ އެހީތެރިކަން އެ އޮތޯރިޓީން ވަޒީފާ ދޭ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.