ރިޔާޒް (އޮގަސްޓް 16): ސައޫދީ އެއާލައިންގެ ބޯޓުތަކުން މިއަހަރު ގެ ހައްޖު މޫސުމުގައި 700،000 ވުރެ ގިނަ ހައްޖުވެރިން އުފުލުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.

ސައޫދީ އެއާލައިންގެ ވެރިޔާ ސާލިޙް ބިން ނާސިރު އަލްޖާސިރު ވިދާޅުވީ މިއަހަރުގެ ހައްޖު މޫސުމުގައި ހަތް ލައްކައަށްވުރެ ގިނަ ހައްޖުވެރިން 47 އެއާޕޯޓަކުން ޖިއްދާއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމުގަ އެވެ. އެ ހަތް ލައްކަ ހައްޖުވެރިންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ބޭރުގައުމުތަކުގެ ހައްޖުވެރިންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހައްޖުވެރިން ސައޫދީ އަށް ދިޔުމަށާއި އެނބުރި އެ މީހުންގެ ގައުމުތަކަށް ގެންދިޔުމުގެ ކަންތައް އަންނަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނެ ކަމަށް ވެސް ސާލިޙް ބިން ނާސިރު ވިދާޅުވިއެވެ.

ސައޫދީ އެއާލައިން ބުނާ ގޮތުން ހައްޖުވެރިން އުފުލުމުގެ ޗާޓަރު ދަތުރުތަކަށް އެއެއާލައިން އިން ވަނީ ދެ ސައިޒަކުން 20 މަތިންދާ ބޯޓު ހަމަޖައްސާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮއިން 747 ގެ 12 ބޯޓާއި އެއާބަސް 330 މަރުކާގެ 8 ބޯޓެވެ. މި ބޯޓުތަކުގައި ޖުމްލަ 7800 ގޮނޑި ހުރެއެވެ. މި ގޮނޑިތަކުން ކުރިޔަށް އޮތް ތިން ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި 7 ލައްކަ އަށްވުރެ ހައްޖުވެރިން އުފުލާނެ ކަމަށް އެއެއާލައިންގެ ބަޔާނެއް ބުނެއެވެ.

އަނެއް ކޮޅުން ސައޫދީ ސަރުކާރުން ގެންދަނީ މިއަހަރުގެ ހައްޖު މޫސުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މީގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ސަލާމަތީ ކަންކަމަށެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ހައްޖުވެރިން މިހާރު ވަނީ މައްކާއަށް ދާން ފަށާފަ އެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ތިން މިލިއަނެއްހާ ހައްޖުވެރިން ބައިވެރިވާނެ ކަމަށް ހައްޖާ ބެހޭ ސައޫދީ ވުޒާރާއިން ބުނެއެވެ.

(ސައޫދީ މީޑިޔާ)