16 Aug 2016, 10:01
މި އަހަރު ރާއްޖެ އިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުޅައުމަށް މައްކާއަށްދާ ބޭފުޅުންނާ އެކު ސަރުކާރުން ފޮނުއްވަވާ އިސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު މުހައްމަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި އަހަރު ރާއްޖެ އިން ޙައްޖަށް ވައިޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށް ޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ މަސީޙު ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މަސީޙުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުޅައުމަށް ރޭ ވަނީ ހައްޖާޖީން ފުރަންފަށައިފަ އެވެ. ރޭ ހައްޖާޖީންގެ ތެރެއިން 193 ހައްޖާޖީން ވަނީ ސައުދީއަރަބިއްޔާ އަށް ދިއުމަށް ފުރައިފަ އެވެ.
މި އަހަރު ރާއްޖެ އަށް 2،000 މީހުންގެ ހައްޖު ކޯޓާ ލިބިފައިވާ އިރު، ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލުގެ 22 ވަނަ މާއްދާ ބުނާ ގޮތުން، ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ 50 ޕަސަންޓު ކޯޓާ، އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭނެ އެވެ.