ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ފަޅުވި ގދ. ތިނަދު އަށް އަލުން މީހުން އާބާދުވިތާ 50 އަހަރުވުން ފާހަގަކުރުން މި އަހަރުގެ ޑިސެމްބަރު މަހަށް ފަސްކޮށްފި އެވެ.

ކުރިން އެކަން ފާހަގަ ކުރުމަށް ނިންމާފައި ވަނީ މި މަހުގެ ތެރޭގަ އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓާ ތަޒްމީލް އަބްދުލްސަމަދު މިއަދު ސަން އަށް ވިދާޅުވީ އެ ހަރަކާތް ޑިސެމްބަރު މަހަށް ފަސްކުރީ އެއީ ސުކޫލު ބަންދު ކަމަށް ވުމުން މާލެއާއި އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ތިނަދޫގެ ވީހާ ވެސް ގިނަ ބަޔަކަށް އެހަރަކާތުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"ރައީސް ޔާމީން ބޭނުންފުޅުވަނީ މިހެން ފާހަގަކުރާ ހުރިހާ ދުވަސްތަކުގައި ވެސް ވީހާވެސް ގިނަ ރަޔިތުންގެ ބައިވެރިވުން އޮތުން، އެހެންކަމުން ސަރުކާރުން މި ނިންމެވުން މިގޮތަށް ނިންމެވީ،" ތަޒްމީލް ވިދާޅުވިއެވެ.

އެ ހަރަކާތްބާއްވާނެ ވަކި ތާރީހެއް އަދި ނުނިންމާއިރު އެހަރަކާތްތަކުގެ ތެރެއިން ތިނަދޫ ފަޅުވި ގޮތާއި އަލުން އާބާދު ވިގޮތުގެ އިތުރުން އެ ރަށް ތަރައްގީވި ގޮތާއި ސަގާފަތް ފަދަ މުހިންމު ކަންކަން ދައްކުވައި ދޭނެ ކަމަށް ތަޒުމީލް ވިދާޅުވި އެެވެ.

ތިނަދޫ އަލުން އާބާދުވިތާ 25 އަހަރު ފުރުން ވެސް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ތިނަދޫ ފަޅުވާން މެދުވެރިވީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި އުފެދުނު ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.