މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެމިނިސްޓްރީ އަށް ބޭނުންވާ ޓީޗަރުން ރެކްރޫޓް ކޮށްދިނުމަށް 12 އޭޕްރިލްގައި ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލުމަށް ޓަކައި މައުލޫމާތު ސާފުކުރަން ދިޔަ ކުންފުންޏަކުން އެމިނިސްޓްރީއާ ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުން އެދި ސިވިލް ކޯޓަށް ހުށައަޅައިފި އެވެ.

ނަމަވެސް ބުރާސްފަތި ދުވަހާއި މިއަދު ހެނދުނު ކޯޓަށް ހާޒިރުވުމަށް އެޑިޔުކޭޝަނަށް ކޯޓުން އަންގާފައިވި ނަމަވެސް، އެޑިޔުކޭޝަން ތަމްސީލު ކުރުމަށް ދައުލަތުގެ ވަކީލުން ހާޒިރުވެފައި ނުވާތީ މައްސަލަ ބޭއްވިފައި ނުވާ ކަމަށް ސަން އެއާ އިން ބުންޏެވެ.

ސަން އެއާ އިންޓަނޭޝަނަލް އިން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ދައުވާގައި ބުނެފައި ވަނީ ޓީޗަރުން ރެކްރޫޓްކޮށްދޭނޭ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ފަހު އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ދީފައިވާ މައުލޫމާތު ޝީޓްގައި ވަޒީފާއާ ބެހޭ ގާނޫނުގެ 68 ވަނަ މާއްދާ އާއި ވަޒީފާއާ ބެހޭ ގަވާއިދުގެ 16 ވަނަ މާއްދާއާ ހިލާފު ކަންތައްތަކެއް ހިމެނޭ ކަމަށެވެ.

އަދި އެކަން އެގޮތަށް ހުރީމުން ޓީޗަރުން ރެކްރޫޓްކުރުމަށް އެއެޖެންސީ އަށް ކުރިމަތި ލެވެން ނެތުމުން އެކުންފުންޏަށް ގެއްލުން ވާތީ މިހާރު މިނިސްޓްރީން އެޑިއުކޭޝަން މިނިސްޓްރީން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެމިނިސްޓްރީ އަށް ޓީޗަރުން ގެނެސްދިނުމުގެ ފުރުސަތު އެޖެންސީތަކަށް ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށެވެ.

ސަންއެއާ އެޖެންސީން މިމައްސަލަ ކޯޓަށް ހުށައަޅާފައިވާ ކަމަށް އެ ކުންފުނިން ބުނަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.