މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 24 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޑޭވިޑް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުން ޑޭވިޑް ބީސީ ޖާގަ ހޯދާފައި ވަނީ ލީގު ބުރުގައި އެ ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ޑޭވިޑް ބީސީއާ އެކު އަންހެން ޑިވިޝަނުގައި ދެން ވާދަކުރަނީ ޔޫތު ސްޕޯޓްސް ކްލަބާއި ސައިކްލޯން ބާސްކެޓްބޯލް ކްލަބެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގައި ޑޭވިޑް ބީސީ ވަނީ ޔޫތު ސްޕޯޓްސް ކްލަބު އަތުން 32-37 ޕޮއިންޓުން މޮޅުވެފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑޭވިޑް ބީސީ އަށް 17 ޕޮއިންޓް ހޯދައިދިން އައިމިނަތު ޝިއުރާ އެވެ.

އެ ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ހޯދާ ޓީމެއް ކަށަވަރުވާނީ މާދަމާ ރޭ ކުޅޭ މެޗަށް ފަހު އެވެ. މާދަމާ ރޭ ސައިކްލޯން ބީސީ އާއި ޔޫތު ސްޕޯޓްސް ކްލަބު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް އަންނަ ހުކުރު ދުވަހު ކުޅޭ އަންހެން ޑިވިޝަނުގެ ފައިނަލުން ޖާގަ ލިބޭނެ އެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވީ ސްޓިންގާސް ބާސްކެޓްބޯލް ކްލަބާއި ރެޑްލައިން ކްލަބު (އާރްއެލްސީ) އެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބު އަތުން 62-70 ޕޮއިންޓުން ސްޓިންގާސް މޮޅުވި އިރު، ރޭ ކުޅުނު މެޗުގައި ދަ ބައުސް އަތުން އާރްއެލްސީ މޮޅުވީ 73-63 ޕޮއިންޓުންނެވެ.