އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ފޯވަޑް ޑިއޭގޯ ކޮސްޓާ ކާމިޔާބުކޮށްދިން ލަނޑުން ޗެލްސީ މޮޅުވެއްޖެ އެވެ.

އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވަނީ 2-1 ލަނޑުންނެވެ. އެ މެޗު ކުޅެފައިވަނީ ޗެލްސީގެ އަމިއްލަ ދަނޑު، ސްޓެމްފަޑް ބްރިޖްގައެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު، ވެސްޓް ހާމްގެ ފަރާތުން ފެނުނީ ޑިފެންސިވް ކުޅުމެކެވެ. ފުރަތަމަ ހާފުގައި ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނުނީ ވެސް އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޗެލްސީ އެވެ.

ފުރަތަމަ ހާފުގައި ޗެލްސީގެ އެޑެން ހަޒާޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އޭނާ ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް އޭނާ އަށް ހިފިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ފަހުން ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމު ވަނީ ލީޑު ހޯދައިފަ އެވެ. ވެސްޓް ހާމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޗެލްސީގެ ސެޒާ އަޒްޕްލިކުއެޓާ އަށް މިކެއިލް އެންޓޯނިއޯ ކުރި ފައުލަކާ ގުޅިގެން ޗެލްސީ އަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަޒާޑެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ވެސްޓް ހާމް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ލަނޑު ވެސްޓް ހާމް އަށް ކާމިޔާބުކޮށްދިނީ ޖޭމްސް ކޮލިންސް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑިމިޓްރީ ޕަޔެޓް ނެގި ކޯނަރެއް ޗެލްސީ އަށް ރަނގަޅަށް ދިފާއު ނުކުރުވުމުން ލިބުނު ބޯޅައަކުންނެވެ.

ޗެލްސީން އަލުން ލީޑު ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށެވެ. ކޮންޓޭ އަށާއި ޗެލްސީ އަށް އުފާވެރިކަން ގެނުވި ލަނޑު ކާމިޔާބުކޮށްދިނީ ކޮސްޓާ އެވެ. ބެލްޖިއަމް ފޯވަޑް މިޝީ ބަޓްޝުއާއީ ދިން ބޯޅައިން ވެސްޓް ހާމްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ކޮސްޓާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.