16 Aug 2016, 08:57
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޗެމްޕިއަންޝިޕްގެ ޒޯން ފަހެއްގެ ފައިނަލުން އަނަންތާރާ ކިހިވަށް ވިލާސް ހޯދައިފި އެވެ.
ޒޯން ފަހެއްގެ ފައިނަލުން އަނަންތާރާ ޖާގަ ހޯދާފައި ވަނީ ލީގު ބުރުގެ އެންމެ ކުރީގައި އޮތް ޓީމުގެ ގޮތުގަ އެވެ. އެ ޓީމު ވަނީ ލީގު ބުރުގައި ޖުމްލަ ދިހަ ޕޮއިންޓް ހޯދައިފަ އެވެ.
ޒޯން ފަހެއްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފޯ ސީޒަންސް ލަނޑާ ގިރާވަރު އަތުން އަނަންތާރާ ވަނީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އަނަންތާރާ އިން އެ މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 22-25، 14-25 އަދި 21-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަނަންތާރާގެ ބިދޭސީ ކުޅުންތެރިޔާ ދިމުތޫ އުޕަސަންތަ އެވެ.

އިންޓަ ރިސޯޓް ޗެމްޕިއަންޝިޕްގައި އަނަންތާރާ ކިހިވަށް ވިލާސް އާއި ފޯ ސީޒަންސް ލަނޑާ ގިރާވަރު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ އަންތާރާ --- ފޮޓޯ: ވީއޭއެމް
ޒޯން ފަހެއްގެ ފައިނަލުން ލީގު ބުރުގެ ފައިނަލުން ޖާގަ ލިބޭ އިރު، ދެވަނަ އަދި ތިން ވަނަ ޓީމު ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނެ އެވެ. ޒޯން ފަހެއްގެ ސެމީގެ ޖާގަތައް ކަށަވަރުވާނީ މާދަމާ ހަވީރު ސޮނޭވާ ފުށްޓާއި ފިނޮޅު ބައްދަލުކުރާ މެޗަށް ފަހު އެވެ.
އެ މުބާރާތުގެ ޒޯން އެކެއްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކޮކޯ ބޮޑު ހިތި އަތުން ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން މީރު އައިލެންޑް ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް މީރު އައިލެންޑުން ގެންދިޔައީ 12-25، 22-25 އަދި 20-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ މީރު އައިލެންޑްގެ އަލީ ގުޝާމް އެވެ.
އެ ޒޯނުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ޝެރެޓަން މޯލްޑިވްސް އަތުން ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ބަނޑޮސް މޯލްޑިވްސް ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ބަނޑޮސް މޯލްޑިވްސް އިން ގެންދިޔައީ 12-25، 15-25 އަދި 21-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބަނޑޮސް މޯލްޑިވްސްގެ ގައުމީ ޓިމު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.