އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ 200 މީޓަރު ދުވުމުގައި ވާދަކޮށް، ރާއްޖޭގެ އަފާ އިސްމާއިލް ގައުމީ ރެކޯޑު މުގުރާލައިފި އެވެ.

އަފާ ދަމަހައްޓަމުންދިޔަ އަމިއްލަ ރެކޯޑު މިރޭ މުގުރާލާފައިވަނީ 200 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ދުވެ، 24.96 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ކުރިން އޭނާ ރެކޯޑު ހަދާފައިވަނީ މިދިޔަ އަހަރު ރިޔޫނިއަންގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައެވެ. އެ މުބާރާތުގެ 200 މީޓަރު ދުވުމުގައި ވާދަކޮށް، އެ ފަހަރު އަފާ ރެކޯޑު ހަދާފައިވަނީ 25.43 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 200 މީޓަރު ދުވުމުގެ ހީޓް އެކެއްގެ އަށް ވަނައިގައި ނިންމާލުމުން އޭނާ އަށް ސެމީ ފައިނަލުން ޖާގަ ނުލިބުނު ނަމަވެސް، އަފާ މިވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ.

ރާއްޖެއިން އެތުލެޓިކްސްގައި ވާދަކުރި ފިރިހެން ދުވުންތެރިޔާ ހަސަން ސާއިދު ވެސް މިހާރު ވަނީ ވާދަކޮށްފައެވެ. ގޭމްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރު ފަހަނައަޅައި ސާއިދު އަށް ނުދެވުނު ނަމަވެސް، އޭނާ ވަނީ ޕްރިލިމިނަރީ ބުރުގައި އޭނާ ދުވި ހީޓުން އެއްވަނަ ހޯދައިފައެވެ. އެ ކާމިޔާބާއެކު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ވެފައިވަނީ އޮލިމްޕިކްސްގެ ހީޓެއްގެ އެއްވަނަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.