16 Aug 2016, 09:22
ގައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ މައިޒަރު އާދަމްއާ އެކު ތަމްރީނެއް ހެދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އެންޑްރޫ ހީލީ އަށް މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ)ގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގު ކުރިމަތިކުރުވި ޗެލެންޖް ގަބޫލުކޮށް، އެންޑްރޫގެ ހުނަރުވެރިކަން ދައްކާލައިފި އެވެ.
ޓީޓީ ހޯލްގައި އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ސެޝަންގައި ހީލާ އަށް ޓީޓީގައި ގެންގުޅޭ ބައެއް ކަހަލަ ބޭސިކް އުކުޅުތައް މައިޒަރު ކިޔައިދީފައިވެ އެވެ. މާގިނައިރުތަކެއް ނުވަނީސް އެންޑްރޫ ވަނީ މައިޒަރު ކިޔައިދިން އެއްޗެހިތައް ނަގައިގަނެފަ އެވެ.
އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ތަމްރީން ސެޝަންތައް ނިމުނު އިރު، އެންޑްރޫ އަކީ ހުނަރުވެރި ޓީޓީ ކުޅުންތެރިއެއް ކަން އޭނާ ސާބިތުކޮށްދީފައިވެ އެވެ. މައިޒަރު ދަސްކޮށްދިން ގޮތަށް ތަމްރީނުވެ، އެންޑްރޫ ވަނީ ވަރަށް ފުރިހަމަ އަށް އޭނާގެ ހުނަރުތައް ދައްކާލައިފަ އެވެ.
"އަހަރެންނަށް މައިޒަރާއެކު ތަމްރީނެއް ކުރުމަށް ފުރުސަތު ލިބުނީތާ ވަރަށް އުފާކުރަން. މައިޒަރަކީ ވަރަށް ހުނަރުވެރި ޒުވާން އެތުލީޓެއް. އަދި ކުރިމަގުގައި އޭނާ އަށް އިތުރު ކާމިޔާބީތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވިދާޅުވި އެވެ.

މައިޒަރު އާދަމްއާ އެކު ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ތަމްރީނުތަކުގައި: އެންޑްރޫ ވަނީ ވަރަށް ފުރިހަމަ އަށް އޭނާގެ ހުނަރުތައް ދައްކާލާފައި --- ފޮޓޯ: ބީއެމްއެލް
މަރޭ ވަނީ ތަފާތު ދާއިރާތަކުގެ އެކި ފަރާތްތަކާ ޗެލެންޖްތައް ކުރިމަތި ކުރުވައިފަ އެވެ. އޭގެ ތެރެއިން ގިނަ ފަރާތްތަތަކުން ޗެލެންޖްތައް ގަބޫލުކޮށް އެ ފަރާތަކުން ތަމްރީންތައް ފުރިހަމަކުރަން ޖެހޭ އެތުލީޓާ އެކު އެކަން ފުރިހަމަކޮށްފައިވެ އެވެ.
މަރޭގެ ޗެލެންޖް ގަބޫލުކޮށް ތަމްރީން ފުރިހަމަކުރި ފަރާތްތަކުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލުގެ އެމްޑީ އަފްއާލް އަހްމަދާއި، ދިރާގުގެ ސީއީއޯ އަދި އެމްޑީ އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް އަދި ރިލޭޝަންޝިޕް މެނޭޖަރު ޖައިދޭވް ކަރޫނާކަރަން އާއި، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ އާއި ލިންޓެލްގެ އެމްޑީ އަބްދުލް މާޖިދު ހިމެނެ އެވެ.
ރާއްޖޭގެ އެތުލީޓުންނަށް ހިތްވަރު ދޭން މަރޭ ވަނީ ފާހަގަކޮށްލެވޭ އެތުލީޓުންނާ އެކު ދާދި ފަހުން ތަމްރީންތަކުގައި ބައިވެރިވެފަ އެވެ. އެކި ފަރާތްތަކާ މަރޭ ޗެލެންޖްތަކާ ކުރިމަތިކުރުވާފައި ވަނީ އެއަށް ފަހު އެވެ. މަރޭ ނޮމިނޭޓްކުރި ކޮންމެ ފަރާތަކަށް ވެސް ތަފާތު އެތުލީޓަކާ އެކު ތަމްރީން ހެދުމަށް ޗެލެންޖް ކޮށްފައިވެ އެވެ. ކޮންމެ ފަރާތަކަށް ވެސް ތަމްރީން ފުރިހަމަކުރަން ޖެހޭ އެތުލީޓް ކަނޑައަޅާފައިވަނީ ވެސް މަރޭ އެވެ.
މަރޭގެ ޗެލެންޖުގައި ފުރަތަމަ ކުންފުނިތަކުގެ އިސް ފަރާތްތަކަށް ނޮމިނޭޓްކުރި އިރު، ފަހުން އޭނާ ވަނީ ލަވަކިޔުންތެރިންނާއި ބައެއް ޕްރެސެންޓަރުން ނޮމިނޭޓްކޮށްފަ އެވެ.