ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު، ސްޓުޑެންޓް އޮފް ދަ އިޔަރގެ ދެވަނަ ބައިގައި ލީޑު އެކްޓަރެއްގެ ގޮތުން ފެނިގެން ދާނީ ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓަރު އަދި ކުޅަދާނަ ނެށުންތެރިޔާ ޓައިގާ ޝްރޯފް ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެފި އެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރު މިއަދު ކުރި ޓުވީޓެއްގައި ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

ކަރަންގެ ޓުވީޓުގައި ބުނެފައި ވަނީ ފިލްމު ޑައިރެކްޓު ކުރާނީ ޕުނީތު މަލޯތުރާ ކަމަށާއި ފިލްމުން ފެނިގެން ދާނީ ޓައިގާ ކަމަށެވެ. ކަރަންގެ ޓުވީޓަށް ފަހު ޓައިގާ ވެސް ވަނީ ފިލްމަށް ތައްޔާރަށް ހުރި ކަމަށް ބުނެ ޓުވީޓެއް ކޮށްފަ އެވެ.

"ސްޓުޑެންޓް އޮފް ދަ އިޔަރ"ގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން ސިދާރްތު (ކ)، އާލިއާ (މ) އަދި ވަރުން (ވ). އެއީ ތިން ފަންނާނުން ވެސް އެކްޓަރުންގެ ގޮތުގައި ބޮލީވުޑަށް ތައާރަފުވެގެން ދިޔަ ފިލްމު ---

އުމުރުން 26 އަހަރުގެ ޓައިގާ ވަނީ މިހާތަނަށް ކާމިޔާބު ދެ ފިލްމެއް ކުޅެފަ އެވެ. މި އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ "ބާޣީ"ގައި ވެސް ޓައިގާގެ މޮޅު އެކްޓިންގް އެއް ފެނިގެން ގޮސްފައިވާ އިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ރޭމޯ ޑިސޫޒާގެ ކުރިއަށް އޮތް ފިލްމު، "އަ ފްލައިންގ ޖެޓް" އިންނެވެ. އެ ފިލްމުގައި ޓައިގާ އަދާކުރާނީ ސުޕަ ހީރޯ އެއްގެ ރޯލެވެ.

"ސްޓުޑެންޓް އޮފް ދަ އިޔާ" އަކީ މިހާރު ބޮލީވުޑުގައި އެންމެ ވިދުން ގަދަ ތަރިންގެ ލިސްޓުގައި ހިމެނޭ އާލިއާ ބަޓް، ސިދާރްތު މަލޯތުރާ އަދި ވަރުން ދަވާން އެކްޓަރުންގެ ގޮތުގައި ބޮލީވުޑަށް ތައާރަފު ކޮށްދިން ފިލްމެވެ.