ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ސާވިސާސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އެސްޓީއޯ އިން ދައުވާ ކުރާ މައްސަލައިގައި ޝަރީއަތަށް މެރީޑިއަމްގެ ފަރާތުން ހާޒިރުނުވެގެން އެތައް ފަހަރަކު ޝަރީއަތް ކެންސަލްވުމަށް ފަހު، މިއަދު މެރީޑިއަމް އިން ކޯޓަށް ދިޔުމުން އެ މައްސަލަ ސިވިލް ކޯޓުގައި ހިންގައިފި އެވެ.

މެރީޑިއަމްގެ ފަރާތުން ހާޒިރުވެފައި މި ވަނީ ހަތަރު ވަނަ ޗިޓަށެވެ. އެ މައްސަލަ ބައްލަވާ ގާޒީ ކުރިން ވިދާޅުވެފައި ވަނީ މެރީޑިއަމް އިން ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުނުވެއްޖެ ނަމަ އެ ކުންފުނީގެ ޣައިރު ހާޒިރުގައި ވެސް މައްސަލަ ހިންގަވާނެ ކަމަށެވެ. މެރީޑިއަމްގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ކޯޓުން ވަނީ އާންމުކޮށް އިއުލާން ވެސް ކޮށްފަ އެވެ.

އެސްޓީއޯ އިން ކުރާ ދައުވާ އިއްވަވަމުން އެ ކުންފުނީގެ ވަކީލު ވިދާޅުވީ މާޗް 31، 2010 ގައި މެރީޑިއަމްއާއި އެސްޓީއޯ އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެސްޓީއޯ އިން މެރީޑިއަމް އަށް ތެލުގެ ބާވަތްތައް ކްރެޑިޓަށް ދޫކުރަމުންދިޔަ ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް ބައެއް ތެޔޮ ބިލްތަކަށް މެރީޑިއަމްގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ ފަރާތުން ވަކީލު އެދިވަޑައިގަތީ ތެޔޮ ބިލްތަކަށް މެރީޑިއަމުން ނުދައްކާ އޮތް 18،949،473ރ. އާއި އެ ފައިސާ ނުދައްކައި އޮތުމުން ޑިސެމްބަރު 1، 2010 އަކާ ހަމައަށް އަރާފައިވާ ޖޫރިމަނާ ފައިސާ ގޮތުގައި މެރީޑިއަމުން ދައްކަންޖެހޭ 384،198ރ. ކޯޓުން ނަގައިދިނުމަށެވެ.

ވަކީލު އިތުރަށް ވިދާޅުވީ އެ ފައިސާ ނަގައިދޭން ކޯޓުން ހުކުމް ކުރުމަށް ފަހު ވެސް މެރީޑިއަމުން އެ ފައިސާ ނުދައްކައިފި ނަމަ އެ ކުންފުނިން މޯގޭޖް ކޮށްފައިވާ ދެ ބާޖާއި ދޯނި ވިއްކާލައިގެން ނަމަވެސް އެ ފައިސާ ހޯދައިދިނުމަށެވެ.

މެރީޑިއަމްގެ ފަރާތުން މިއަދު ވަނީ އެ ދައުވާއަށް އިންކާރު ކޮށްފަ އެވެ. އަދި އެ ދައުވާއަށް ރައްދު ދިނުމަށް ފުރުސަތަކަށް އެދުމުގެ އިތުރުން ބުނެފައި ވަނީ މިއީ ސިޔާސީ މަގްސަދެއްގައި އެސްޓީއޯ އިން ކުރާ ދައުވާއެއް ކަމަށެވެ. ނަމަވެސް އެއީ މައްސަލައާ ނުގުޅޭ ވާހަކައަކަށްވާތީ އެ މެރީޑިއަމްގެ އެ ވާހަކަތައް ގާޒީ ވަނީ ހުއްޓުވައިފަ އެވ