ޔަޝް ރާޖް ފިލްމްގެ ކުރިއަށް އޮތް ފިލްމު "ތަގް"ގެ ލީޑު ރޯލުން ކުޅަދާނަ އެކްޓަރު އާމިރު ޚާން ފެންނާނެ ކަމަށް ރިޕޯޓުތައް މިވަނީ ބުނަން ފަށައިފަ އެވެ.

އެ ފިލްމުގައި ދީޕިކާ ޕަދުކޯންގެ އިތުރުން މެގަސްޓަރ އަމީތާބް ބައްޗަން ވެސް ހަރަކާތްތެރި ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ފިލްމު އުފައްދާ ފަރާތުން ރިޕޯތުތަކާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، އާމިރު ވެސް މިވަނީ ފިލްމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ދެކޮޅުހަދައިފަ އެވެ.

"ތަގް" އަށް ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސުވާލު ކުރުމުން އާމިރު ބުނީ އެވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ.

އެކަމަކު އެފަދަ އަމީތާބް އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އާމިރު ވަނީ ބުނެފަ އެވެ.

"އަހަންނަކީ ބައްޗަން [އަމީތާބް] ގެ ވަރަށް ބޮޑު ފޭން އެއް. ވަރަށް ލޯބިވާ އަދި އެހާމެ އިހްތިރާމް ކުރާ މީހެއް އެއީ. އަހަރެން ބޮޑުވީ އަމީތާބްގެ ފިލްމުތައް ބަލައިގެން. އަމީތާބްގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވި. އަމީތާބް އާއެކު މަސައްކަތް ކުރުމަކީ އަހަރެންގެ ހުވަފެނެއް ހަގީގަތަކަށް ވުން،" އާމިރު ބުންޏެވެ.

އާމިރު ބުނީ އަމީތާބާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށާއި އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ އެންމެނަށް ވެސް އަންގާނެ ކަމަށެވެ.

އާމިރު ދެން އެންމެ އަވަހަށް ފެނިގެން ދާނި މި ޑިސެމްބަރު މަހު ރިލީޒް ކުރާ ފިލްމު "ޑަންގާލް" އިންނެވެ.