15 Aug 2016, 23:57
ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ނުބެލި ލަސްވަނީ ސަރުކާރުގެ މުހިންމު މަސައްކަތަކުގައި އެ ކޮމެޓިގެ މެމްބަރުން އުޅުއްވާތީ ކަމަށް ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އަބްދުއްރަހުމާން ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ، ސުލޫކީ ކޮމެޓީގެ ހުރިހާ މެމްބަރުންނަކީ ވެސް ސަރުކާރުގެ ޒިންމާދާރު މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.
މައްސަލަ ނުބެލުމުގެ އެއްވެސް ވިސްނުމެއް ނެތް. ހުށަހެޅިފައޮތް މައްސަލައެއް ވެއްޖެއްޔާ ކޮމެޓީގެ މެމްބަރުންނަށް ވަގުތުވާވަރަކުން ނިންމަމުންދާނަން. އެ މައްސަލަތައް ބަލާށޭ ކިޔާފަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގައި އަޅުގަނޑުމެންގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަންތައްތައް ހުއްޓާލާފައި އެކަމަކަށް ވަގުތު ދެވޭކަށް ގިނަ ފަހަރަކަށް ނޯވޭ،އަލީ ވަހީދު
އަލީ ވަހީދު ވިދާޅުވީ، ހުށަހެޅިފައިވާ މައްސަލަތައް ނިންމަންޖެހޭ މުއްދަތު ގުނަން ފަށާނީ މައްސަލަ ބަލަންފަށާ ތާރީޚުން ފެށިގެން ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ހުށަހެޅިފައިވާ މައްސަލަތައް ބެލުމަށް ހަތަރު ފަހަރު ކޮމެޓީގެ ބައްދަލުވުމެއް ތާވަލްކުރި ކަމަށާއި ނަމަވެސް ސަރުކާރުގެ މުހިންމު މަސައްކަތްތަކުގައި ކޮމެޓީގެ މެމްބަރުން ބުރަކޮށް އުޅުއްވާތީ އެ ބައްދަލުވުންތައް ކެންސަލްކުރަން ޖެހުނީ ކަމަށެވެ. އަދި އެކަން ޕީޕީއެމް އޮފީހުގެ އިދާރީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ އެޕާޓީގެ ބައެއް މެމްބަރުންގެ މައްސަލަތައް ނުބަލައި ގިނަ ދުވަސްވާތީ ފަސް ދުވަހުގެ ތެރޭގައި އެ މައްސަލަތައް ނިންމައިދިނުމަށް ޕީޕީއެމްގެ އޮފީހުން ވަނީ ކޮމެޓީގައި އެދިފަ އެވެ.
ޕީޕީއެމް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ އާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ މައްސަލައެވެ.
ސުލޫކީ ކޮމެޓީގެ ކޯރަމަކީ ކިތައް މެމްބަރުންތޯ ދެންނެވުމުން އަލީ ވަހީދު ވިދާޅުވީ ޕީޕީއެމްގެ ރައީސް އެ ވިދާޅުވާ ކޯރަމާއި، "އޭނާ ދަންނަވާ އަސާސީ ގަވާއިދުގައި އޮންނަ ކޯރަމާ އޮންނަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއްގެ ތެރޭގައި" ކަމަށެވެ.
"އަސްލުގަ ޕާޓީގެ މެމްބަރުންގެ ގޮތުގައި ސުލޫކު ކޮމެޓީގައި މި އޮންނަނީ ފަސް މެމްބަރަކު. އޭގެތެރެއިން އެއް މެމްބަރަކު މިހާރު ހުރީ ޕާޓީން ވަކިވެވަޑައިގެންފައި. ދެން ދާއިމީ މިތިބީ ހަތަރު މެމްބަރުން. ދާއިމީ ހަތަރު މެމްބަރުންނަކީ ކޮންގްރެސް އިން އަޅުގަނޑުމެން އިންތިޚާބުކޮށްފައިވާ މެމްބަރުން. ދެން މި އޮންނަނީ އެ މައްސަލައެއް ރައްދުވާ ފަރާތަކުން މައްސަލައެއް ބަލާވަގުތެއްގައި ކޮމެޓީއަށް ހާޒިރުވާންޖެހޭ ދެ މެމްބަރަކު. އެހެންވީމަ ކޮންމެހެން އެ މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލަ ބެލުމުގައި، ކޮމެޓީން ދެކޭގޮތުގައި އެ މެމްބަރުންނަކީ ކޮމެޓީގެ ސީދާ މެމްބަރުންނެކޭ އަޅުގަނޑުމެންނަށް ދެންނެވޭކަށް ނެތް،" އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން އާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިބް ކޯޑިނޭޓަރު އާމިނަތު ނާދިރާ ޕާޓީން ވަކިކުރި ބައްދަލުވުން ވެސް ބާއްވާފައި ވަނީ ކޯރަމް ފުރިހަމައަށް ލިބިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސުލޫކީ ކޮމެޓީން އެންމެ ފަހުން ނިންމި މައްސަލަތަކުގެ ޔައުމިއްޔާ ފޮނުވުމަށް ޕީޕީއެމް އޮފީހުން އެދިފައިވާއިރު، އެކަމާ ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވީ، މައްސަލަ ނިންމި ގޮތުގެ ޔައުމިއްޔާ ޕާޓީގެ އޮފީހަށް ފޮނުވަންޖެހޭނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ވެސް އަދި ސުލޫކީ ގަވާއިދުގައި ވެސް ބުނެފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮމެޓީގެ ލިޔެކިޔުންތަކުގެ ތެރޭގައި ރައްކާކޮށްފަ އޮންނަންޖެހޭ އެއްޗެއްގެ ގޮތުގައި އޮންނަނީ. އެއްގޮތަކަށް ވެސް މައްސަލަ ނިންމާފަ ޔައުމިއްޔާ ޕާޓީއަށް ފޮނުވާކަށް ވެސް ނުޖެހޭ،" އަލީ ވަހީދު ވިދާޅުވިއެވެ.
ޕީޕީއެމްގެ އޮފީހުން ބޭރުގައި ސުލޫކީ ކޮމެޓީގެ ބައްދަލުވުންތައް ނުބޭއްވޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެކަމާ ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގައި ވެސް އަދި އަސާސީ ގަވާއިދުން ބާރު ލިބިގެން ހަދާފަ ހުރި އެއްވެސް އުސޫލަކުން ސުލޫކީ ކޮމެޓީގެ ބައްދަލުވުން ބާއްވަންޖެހޭނީ ޕާޓީގެ އިދާރާގަ ކަމަށް ބުނެފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސުލޫކީ ކޮމެޓީގެ މަސައްކަތަކަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވަމުންނުދާ ކަމަށާއި އެ ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
"ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑު ބައްލަވާ ވޮޑިގެންވޭ. އެއްގޮތަކަށް ވެސް ބިރުވެރިކަމެއް ނެތް އަޅުގަނޑަށް ގެއްލިދާނެ މަގާމަކަށް. އެއްގޮތަކަށް ވެސް އަޅުގަނޑު ނޯންނާނެ ސުލޫކީ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނިންމާފައެއް މަގާމް ގެއްލިދާނެ ކަމުގެ ބިރަށްޓަކައި،" އަލީ ވަހީދު ވިދާޅުވިއެވެ.