މީގެ ހަތަރު އަހަރު ކުރިން ރިލީޒް ކުރި ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްގެ ފިލްމު "އެކް ތާ ޓައިގަރ"ގެ ދެވަނަ ބައެއް އުފައްދާނެ ކަމުގެ އިޝާރާތެއް އެ ފިލްމުގެ ޑައިރެކްޓަރު ކަބީރު ޚާން ދީފި އެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި "އެކް ތާ ޓައިގާ" އަކީ ސަލްމާން އަދި ކެޓްރީނާގެ ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެ ކުރީގައި ހިމެނޭ ފިލްމެކެވެ.

ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ރިޕޯޓުތައް ފެންމަތިވެފައިވީ ނަމަވެސް، ރަސްމީކޮށް އެކަން ކަށަވަރު ވެފައެއް ނުވެ އެވެ.

"އެކް ތާ ޓައިގާ" އަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ކަބީރު ޚާން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ބެލުންތެރިންގެ ފަރާތުން ފިލްމަށް ދެމުން ގެންދާ ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ދެން ފިލްމުގެ ސީކުއަލް އަށް އިންތިޒާރު ކޮށްލާ،" އޭނާގެ ޓުވީޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ދެވަނަ ބަޔަށް ކިޔާނީ "ޓައިގަރ ޒިންދާ ހޭ" އެވެ. އަދި އެ ފިލްމު ޑައިރެކްޓު ކުރާނީ ސަލްމާންގެ ހިޓް ފިލްމު "ސުލްތާން"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެވާހަކަތަކުގެ ހަގީގަތް ނޭނގުނު ނަމަވެސް، ކަބީރު ޚާން މިވަނީ ފިލްމުގެ ސީކުއަލް އެއް އޮތްކަން ކަށަވަރުކޮށްދީފަ އެވެ. ފިލްމުގެ ލީޑު ރޯލުން ސަލްމާން ފެންނާނެ ކަން ޔަގީންވި ނަމަވެސް، އޭނާ އާއެކު ފެންނާނެ އަންހެން ފަންނާނެއް އަދި ބުނާކަށް ނޭނގެ އެވެ.