އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު 50 ޕްރޮފެސަރުން ބައިވެރިވާ ދިރާސާ ކުރުމާ ގުޅޭ މަހާސިންތާއެއް ރާއްޖޭގައި ބާއްވަން އިސްލާމިކް ޔުނިވާސިޓީން ނިންމައިފިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަން އަށް ވިދާޅުވީ، އެ މަހާސިންތާ ބާއްވަނީ އެމެރިކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓާ ގުޅިގެން ކަމަށެވެ.

"މިއީ އިންނަނޭޝަނަލް ކޮމިއުނިޓީގެ ތެރެއަށް މި ޔުނިވާސިޓީ ވަދެގެން ދިޔުމުގެ އަދި މިތަނުގައި އެވަރުގެ ގާބިލްކަން އުފެދިފައިވާ ކަމުގެ ވަރަށް މުހިންމު ޕްރޮގްރާމަކަށް ވެގެންދާނެ،" ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަން އަށް އިންޓަވިއު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އިސްލާމިކް ޔުނިވާސިޓީގެ ސެންޓަ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވީ "ރިސާޗި ސިމްޕޯސިއަމް އޮން ތޯޓް އެންޑް އެޕިސްޓިމޮލޮޖީ" ގެ ނަމުގައި ބާއްވާ އެ ކޮންފަރެންސް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓާ އަކީ ދުނިޔޭގެ އެކި އިސްލާމީ ޔުނިވާސިޓީތަކަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށް ދީބާ ވިދާޅުވިއެވެ.

އެ ޖަމިއްޔާއިން ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ ތަރައްގީ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ ޖަމިއްޔާގެ ރައީސަކީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރެކްޓަރ ޕްރޮފެސަރު އަބްދުލް ހަމީދު އަބޫ ސުލައިމާނެވެ.

އެ މަހާސިންތާގައި އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، އޮސްޓްރޭލިއާ، ބޮސްނިއާ ފަދަ ގައުމުތަކުގެ ބޮޑެތި ޔުނިވާސިޓީތަކުގެ ޑީނުންނާއި ޕޮފެސަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސެންޓަ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާ ސަން އަށް އިންޓަވިއު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"އެހެންވީމަ އައިޔޫއެމްއަށް ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ނެޓްވޯކިން. ކޮންމެ ޔުނިވާސިޓީއަކަށް ވެސް އެތަން ޑިވެލޮޕްވުމަށް އެންމެ މުހިންމު ކަމަކީ އިތުރު އެކަޑަމިކުންނާ ގުޅިފައި އޮތުން. ސައުތު އީސްޓު އޭޝިއާގެ ބޮޑެތި ޔުނިވާސިޓީތަކުން ބޭފުޅުން ވަޑައިގަންނަވަނީ. އެހެންވީމަ އެބޭފުޅުންނާ ގުޅުން އުފައްދައި. މި ޔުނިވާސިޓީއާ އެތަންތަނާ ގުޅުން އުފައްދަން ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ވާނެ،" ދީބާ ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޑޮކްޓަރޭޓް ލެވެލްގެ ބޭފުޅުންނަށާއި ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާގައި އުޅުއްވާ އެހެނިހެން ޑޮކްޓަރޭޓް ލެވެލް ފެންވަރުގެ ބޭފުޅުން ވެސް އެ މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދީބާ ވިދާޅުވިއެވެ.

ވައިސް ޗާންސެލަރު ޑރ. ޝަހީމް ވިދާޅުވީ އެ މަހާސިންތާގައި އިސްލާމީ ފިކުރީ ސިވިލައިޒޭޝަންއާ ގުޅޭ މުހިންމު މައުޟޫތަކަށް މަޝްވަރާ ކުރާނެ ކަމަށެވެ.