މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުޅައުމަށް، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައިދާ ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް މިރޭ ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރައިފިއެވެ.

ހައްޖުވެރީން ހުޅުލެއަށް ދިއުމަށް ފުރީ މިއަދު ހަވީރު އިއްޒުއްދީން ފާލަން ކައިރިންނެވެ. ހައްޖުވެރީންނަށް މިއަދު ހަވީރު 4.30ން ފެށިގެން ހުޅުލެއާ ދެމެދު ހާއްސަ ފެރީތަކެއް ބާއްވާފަައިވެ އެވެ.

މިއަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1000 މީހުން ހައްޖަށް ދާން ހަމަޖެހިފައިވާ އިރު، މިއަދު ފުރާފައިވަނީ 193 ހައްޖުވެރީންނެވެ.

ހައްޖުވެރިން ހުޅުލެއަށް ދިއުމަށް ފުރުމަށް މާލޭ ރަސްމީ ފާލަން ސަރަހައްދުގައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައިދާ ފުރަތަމަ ހައްޖުވެރީންގެ ގްރޫޕު މިރޭ ފުރާފައިވާއިރު، ދެވަނަ ފްލައިޓު އޮންނާނީ މި ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އަދި ތިންވަނައާއި ހަތަރުވަނަ ފްލައިޓު އޮންނާނީ އަންނަ ހަފްތާގެ އާދީއްތަ އަދި ހޯމަ ދުވަހު ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.

މި އަހަރު ރާއްޖެއަށް 2،000 މީހުންގެ ހައްޖު ކޯޓާ ލިބިފައިވާ އިރު، ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭ އުސޫލުގެ 22 ވަނަ މާއްދާ ބުނާ ގޮތުން، ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ 50 ޕަސަންޓު ކޯޓާ، އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދޭނެ އެވެ.