15 Aug 2016, 21:12
ރައްޔިތުންނަށް ހިދުމަތް ދިނުމުގައާއި މުއާމަލާތްކުރުމުގައި ފުލުހުންގެ އަމަލުތަކާއި ބަސްމަގު ހުންނަގޮތް ރަނގަޅުކުރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ، އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި އިއްޔެ އިފްތިތާހުކުރި އެ ޕްރޮގްރާމަކީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ އެންމެ ގާތުން އަދި ރައްޔިތުން އެދޭ ފަދަ ހިދުމަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ފުލުހުންގެ ބަސްމަގު ހުންނަ ގޮތާއި ހިދުމަތުގެ އަމަލުތައް ރައްޔިތުން ބޭނުންވާ ފަދަގޮތަކަށް ބައްޓަންކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 20 ފުލުހަކު ބައިވެރިވެފައި ވެއެވެ.
"މި ޕްރޮގްރާމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހުންގެ ބަސްމަގު ހުންނަ ގޮތާއި ޚިދުމަތުގެ ޢަމަލުތައް ހުންނަ ގޮތާ ބެހޭގޮތުން ރައްޔިތުން ކަންބޮޑުވާ ކަންބޮޑުވުންތަކަށާއި ފުލުހުންގެ ބަަސްމަގު ހުންނަ ގޮތާ ބެހޭގޮތުން ރައްޔިތުން ފާޅުކުރާ ހިތްހަމަނުޖެހުމުގެ ޝުޢޫރުތަކަށް ތަސައްލީ ހޯދައިދެވޭ ގޮތަށް ފަރުމާ ކުރެވިގެން ހިންގާ ތަމްރީނު ޕްރޮގްރާމެއް،" ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އިން ހިންގާ އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ، ދިރާގުގެ މެނޭޖަރ ކަސްޓަމަރ ސާވިސް އަލްފާޟިލް މަސްއޫދު ޢަލީ އެވެ.
އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށް ފަހު، މަސްއޫދު ދެއްކެވި ވާހަކަފުޅުގައި، ކަސްޓަމަރ ރިލޭޝަންސް އަކީ ފުލުހުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވަރަށް މުހިއްމު ތަމްރީނެއް ކަމަށާއި އަބަދުވެސް މިފަދަ ތަމްރީނުތައް ފުލުހުންނަށް ލިބިލިބި ހުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ.
ކަސްޓަމަރ ރިލޭޝަންސް އަކީ ހިދުމަތުގައި ގުޅި ލާމެހިފައިވާ އެއްޗެއް ކަމަށާއި ހިދުމަތެއް ބަލައި ގަތުމުގައި ރައްޔިތުން އެންމެ ބޮޑަށް މިނެކިރާނެ އެއްޗަކީ ރައްޔިތުންނާ މުޢާމަލާތުކޮށް މުވާޞަލާތު ކުރާ ގޮތާއި ހިދުމަތް ދިނުމުގައި ފެނިގެންދާ ގާތްކަމާއި އޯގާތެރިކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ބަސްމަގު ރަނގަޅުކުރުމަށާއި، ރިވެތިގޮތުގައި ރައްޔިތުންނާ މުއާމަލާތްކުރާނޭގޮތް ފުލުހުންނަށް ދަސްކޮށްދިނުމަށް ތަމްރީނު ޕްރޮގްރާމެއް ފަށާފައި މިވަނީ، އާންމުންނާ މުއާމަލާތްކުރުމުގައި ބައެއް ފުލުހުންގެ ކިބައިން ވަރަށް ނޭދެވޭ ކަންކަން ފެނި، އެކަމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ.
ފުލުހުން ބުނީ، މި ޕްރޮގްރާމަކީ ފުލުހުން ދޭ ހިދުމަތް ޒަމާނާ އެއްގޮތަށް ކުރިއަރުވައި އާއްމު ފަރުދުން ބޭނުންވާފަދަ ޕްރޮފެޝަނަލް ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރު އިތުރަށް ދަސްކޮށްދީ ތާޒާކޮށްދޭނެ ޕްރޮގްރާމެއް ކަަމަށެވެ.
"މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދޭނީ ރައްޔިތުންނާ ބައްދަލުވާ އެކިއެކި ޙާލަތްތަކުގައި ފޯނުންނާއި އެހެނިހެން ގޮތްގޮތުން މުޢާމަލާތުކޮށް މުވާޞަލާތު ކުރުމުގެ ހުނަރާއި ރައްޔިތުން ބޭނުންވާ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި އެންމެ އަވަހަށް ފޯރުކޮށްދިނުމަށް ފުލުހެއްގެގައިގާ ހުންނަންޖެހޭ ސިފަވަންތަ ހުނަރުތައް،" ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.
މީގެ އިތުރުން އެކިއެކި ބޭނުންތަކުގައި ފުލުހުންގެ ހިދުމަތަށް އެދިންގެން ފުލުހުންގެ މަރުކަޒުތަކަށް ހާޒިރުވާ އަދި ޒިޔާރަތްކުރާ ފަރާތްތަކާ މުޢާމަލާތުކޮށް ފުލުހުންގެ ހިދުމަތް އެންމެ އެކަށީގެންވާގޮތުގައި ފޯރުކޮށްދީ ހިދުމަތް ލިބިގަންނަ ފަރާތުން ހިތްހަމަޖެހިގެންތިބެ ހިދުމަތްހޯދައިގެން ދާބައެއް ކަމުގައި ޔަގީންކުރާނެގޮތް ވެސް ޕްރޮގްރާމުގައި ދަސްކޮށްދެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އަލަށް ފެށި ތަމްރީނު ޕްރޮގްރާމަކީ ކުރިއަތްއޮތްތާގައި ފުލުހުންގެ ހުރިހާ ކަންކޮޅުތަކަށް ހިންގުމަށް ރޭވިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.