29 May 2011, 14:27
ރާއްޖޭގައި އާއްމުވެފައިވާ އިންސާނިއްޔަތާއި ހިލާފު ބޮޑަތި ކުށްތައް ހުއްޓުވައި އެކަން މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް [އެޗްއާރުސީއެމް] އިން ސުނާމީ ބިނާ ސަރަހައްދުގައި ސުލްހަވެރި އެއްވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
"އެކުއެކީގައި" މި ނަމުގައި ސުނާމީ ބިނާ ސަރަހައްދުގައި ބާއްވާ އެ އެއްވުން އޮންނާނީ އަންނަ ބުރާސްފަތު ދުވަހުގެ ރޭ 8:00- 12:00 އަށް ކަމަށާއި އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުން ކަޅު ހެދުމުގައި އެ ސަރަހައްދަށް ދިއުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން އިއުތިމާސް ކުރެ އެވެ.
"ހަމަ ހިމޭންކަމާ އެކު ތިބޭ ތިބުމުގެ ރަމްޒަކީ މުޖުތަމައުގައި ހިނގާ ކުށްތަކާ މެދު މުޖުތަމައު ހޭލުންތެރި ކުރުވާ އެކަންތައްތައް ހުއްޓުވުމަށް ކުރެވޭ ކަންތައްތަކަށް ހިތްވަރު ދިނުމާއި އުންމީދު އައު ކުރުމެވެ،" ހިއުމަން ރައީޓްސް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
ހިއުމަންރައިޓްސް ކޮމިޝަނުން ބުނީ ގައުމީ ދިދަ ހިފައިގެން ކުރިއަށްދާ އެ އެއްވުމުގައި ސުނާމީ ބިނާ ސަރަހައްދުގައި އިށީނދެ ތިބެ އިންސާނީ ހައްގުތަކާ އެއްކޮޅަށް ޝުއޫރުފާޅުކޮށް ވީޑިއޯ ޕުރެޒެންޓޭޝަންތަކެއް ވެސް ދައްކާނެ ކަމަށެވެ.
"އެތަނުގައި ފާޅުކުރާ އާންމުގެ ހިޔާލުތައް ކަމާ ބެހޭ މުއައްސަސާތަކަށް ގެންދާނަމެވެ،" ހިއުމަން ރައިޓްސްގެ އެ ބަޔާންބުނެ އެވެ.