އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އާއެކު ބައިވެރިވުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

މިއަދު ބޭއްވި އެމްޑީޕީ ގައުމީ މަޖިލިހުގެ 146 ވަނަ ބައްދުލުވުމުގައި އެގޮތަށް ފާސްކުރީ، އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރުމަށްފަހު އެވެ. އެ ގަރާރު ފާސްވީ ޖަލްސާގައި ތިއްބެވި 32 މެމްބަރުންގެ ތެރެއިން 25 މެމްބަރުންގެ ތާއީދު ލިބިގެންނެވެ.

ޝިފާޒު ހުށަހެޅުއްވި ގަރާރުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާނެ ނިސްބަތާއި އެ ކެނޑިޑޭޓުން ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނެ އުސޫލެއް ނިންމާނީ އެމްޔޫއޯ އާއެކު އެމްޑީޕީގެ ލީޑާޝިފުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ގަރާރު ހުށަހެއްޅުވި ޝިފާޒު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާނެ ކެނޑިޑޭޓުން ނިންމަވާނީ އެމްޑީޕީއިން ކަމަށާއި ނަމަވެސް އެމްޑީޕީއިން ކުރިމަތިލާނެ ނިސްބަތާއި ދާއިރާތައް ނިންމާނީ އެމްޔޫއޯއާއެކު ކަމަށެވެ.

އެ މަޝްވަރާތައް ކުރާނީ އެމްޑީޕީއާ އެމްޔޫއޯއާއެކު އުފައްދާ ކުޑަ ކޮމެޓީއަކުން ކަމަށާއި އެ ކޮމެޓީގައި މަޝްވަރާކުރައްވާ ކަންތައްތައް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައި، ގައުމީ މަޖިލީހުގެ މެމްބަރުންގެ ހިޔާލު ހޯއްދަވާނެ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގައި އީވޯޓިން ތައާރަފްކުރާނަމަ އެ އިންތިޚާބުގައި ބައިވެރިނުވާން އެޕާޓީގެ ގައުމީ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.