15 Aug 2016, 17:07
މާލޭގައި މުޒާހަރާތަކާއި ހިނގާލުމާއި އުޅަނދުބުރުތައް ބޭއްވުމަށް ފުލުހުންގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހު، ބިލު އޮތް ގޮތަށް ގައުމީ ސަލާމަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަތީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައެވެ. އެ އިސްލާހު ދިރާސާކުރި ކޮމެޓީން އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެމްބަރުންގެ ވޯޓުން ނެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އެ ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިވީ ނަމަވެސް، މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން ދޭ ހުއްދައާއެކު ފިޔަވައި، ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން އާންމުކޮށް އިއުލާން ކުރާ ތަންތަނުގައި އެކަނި ކަމަށެވެ.
އެ އިސްލާހު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މުޒާހަރާ ބާއްވަން ހުއްދަދެވޭނެ ތަންތަނުގެ ލިސްޓެއް ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ވެސް ރިފާއު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
ގާނޫނަށް އެ އިސްލާހު ގެނެސްފިނަމަ އަމަލުކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.
މުޒާހަރާކުރަން ފުލުހުންގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ އިރު، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.