15 Aug 2016, 16:58
އެއްމެދު އިމާރާތް ނުވަތަ ފުލެޓެއް ގަންނަ ފަރާތްތަކުން ދައްކަންޖެހޭ 15 ޕަސެންޓް ޓެކްސްގެ ތެރެއިން އަލަށް ފުލެޓް ގަންނަ ދިވެހީންނަށް ޓެކްސް މައާފުވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ރައީސް އަބްދުﷲ ޔާމީނު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް ޔާމީނު މިއަދު އެ ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިއްކާ ހާލަތުގައި، އެ ފްލެޓަކީ އެތަން ގަންނަ މީހާ ގަންނަ އެފަދަ ފުރަތަމަ ފްލެޓް ކަމުގައިވާ ހާލަތުގައި، އެ ގާނޫނުގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާވާނެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ކުރި އެ އިސްލާހު ހުށަހެޅުއްވިއިރު އިސްލާހުގައި ބުނެފައި ވަނީ އަލަށް ފުލެޓު ގަންނަ މީހަކީ އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުމުން އެފުރުސަތު ލިބޭ ކަމަށެވެ.
ރައީސް އޮފީހުން މީގެކުރިން ބުނީ ގިނަ އަދަދެއްގެ ފުލެޓުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަމުންދާއިރު ޓެކްސް އުނިކުރުމަށް ނިންމީ ސަރުކާރުގެ ގެވެހިކުރުމުގެ ސިޔާސަތަށް ހެޔޮ ބަދަލެއް ގެންނައުމަށް ކަމަށާއި ރާއްޖޭގެ ބިމާބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރަމުން ގެންދާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އަބްދުﷲ ޔާމީން އެގޮތަށް ނިންމެވީ، އެކަމާ ގުޅޭގޮތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.