ޕިޓަލް މާކެޓް ޑިވެލޮޕުމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އަށް މެމްބަރުން އައްޔަން ކުރެއްވުން ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ހުންނަވާ ބޭފުޅަކާ ހަވާލުކުރާ ގޮތަށް ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީޒުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އަބްދުﷲ ޔާމީނު ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ ދެ ވަނަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބިލުގެ ސަބަބުން، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ސެކުއިރިޓީޒް މާކެޓް ތަރައްގީކޮށް، ކޮންވެންޝަނަލް އަދި އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ ޕްރޮޑަކްޓްތައް ރާއްޖޭގެ މާކެޓަށް ތައާރުފުކޮށް، ގިނަ ވިޔަފާރިތަކަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. އަދި ބުނީ އޭގެ ތެރޭގައި، ހާއްސަ އިގްތިސާދީ ސަރަހައްދެއްގައި ގާއިމުކުރާ ޒަމާނީ ހިދުމަތްތައް ތައާރުފުކޮށް، ތަންފީޒުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

މާލީ ސެކިއުރިޓީޒް ގާނޫނުގައި މީގެކުރިން ބުނެފައި ވަނީ ސީއެމްޑީއޭ އަށް މެމްބަރުން އައްޔަން ކުރާނީ "ވަޒީރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ" ކަމަށެވެ.

ސެކިއުރިޓީޒު ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ސީއެމްޑީއޭގެ ބޯޑު މެމްބަރުކަމުގައި ހުންނަވާ ބޭފުޅަކަށް ބޯޑު މެމްބަރު ކަމުން ވަކި ކުރެވޭނީ، ޖިނާއީ ކުށެއް ކުރިކަން ޝަރުއީ ކޯޓަކުން ސާބިތުވެ އޭނާގެ މައްޗަށް ހުކުމެއް އައުމުންނާއި މެމްބަރުކަމުގެ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ފަދަ ކަމެއް ކުރުމުން ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އަމިއްލައަށް ބޯޑު މެމްބަރުކަމުން ވަކިވެވަޑައިގަންނަވަން އެއްވެސް މެމްބަރަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި ސަބަބު ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ހުށަހަޅައި އެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަތުމުން އެބޭފުޅަކު އެ މެމްބަރު ކަމުން ވަކިވާނެ ކަމަށެވެ.

އެ މަގާމަށް އައްޔަންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް މެމްބަރަކު އަމިއްލަފުޅަށް މެމްބަރުކަމުން ވަކިވެވަޑައިގެންފި ނަމަ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ މެމްބަރެއްގެ ބަދަލުގައި ބޯޑު މެމްބަރުކަމަށް ބޭފުޅަކު އައްޔަންކުރަންވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މާލީ ސިކިއުރިޓީޒް ގާނޫނުގައި މިހާރު ބުނެފައި ވަނީ ސީއެމްޑީއޭގެ އެކިއެކި މަސައްކަތް އެދެވޭ ގޮތުގައި ހިންގުމަށް އެވަގުތަކު ބޭނުންވާ މީހުންނަށް ވަޒީފާދީ، ވަކިކޮށް، މުސާރަދޭނޭ މިންވަރާއި ގޮތްތައް ކަނޑައަޅައި އަދި ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމުގެ ޝަރުތުތައް އެކަށައަޅާނީ އެ އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން ރައީސުލްުޖުމްހޫރިއްޔާ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އޮތޯރިޓީގެ އެކިއެކި މަސައްކަތް އެދެވޭ ގޮތުގައި ހިންގުމަށް އެވަގުތަކު ބޭނުންވާ މީހުންނަށް ވަޒީފާދީ، ވަކިކޮށް، މުސާރަދޭނޭ މިންވަރާއި ގޮތްތައް ކަނޑައަޅައި، އަދި ވަޒީފާ ދިނުމާއި، ވަޒީފާ އަދާކުރުމުގެ ޝަރްޠުތައް އެކަށައަޅާނީ ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީއަކުން ތަންފީޒުކުރާ ނުވަތަ ބަލަހައްޓާ ގާނޫނީ ނުވަތަ ރެގިއުލޭޓަރީ ކަންތައްތަކާއި ގުޅޭ ގޮތުން ސީއެމްޑީއޭއަށް ބޭރުގެ ރެގިއުލޭޓަރީ އޮތޯރިޓީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

ދެހާސް ހަ ވަނަ އަހަރުގެ ތެރޭގައި އެކުލަވާލި މާލީ ސެކިއުރިޓީޒު ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުއްވި ސަބަބެއް ރިފާއު ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މާލީ ސެކިއުރީޓީޒު މާކެޓު ތަރައްގީކޮށް ކޮންވެންޝަނަލް އަދި އިސްލާމިކް ފައިނޭންސުގެ އެކި ބާވަތުގެ ޕުރޮޑަކްޓުތައް ރާއްޖެއަށް މާކެޓުކޮށް ތައާރަފު ކުރުން ކަމަށެވެ. އަދި ގިނަ ވިޔަފާރިތަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމަށް މަގުފަހި ކުރުމަކީ ވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ރިފާއު ވިދާޅުވި އެވެ.