15 Aug 2016, 16:34
ޑރ. އަފްރާޝީމުގެ މަރުގެ ތަހުގީގާ ގުޅޭ އެއްވެސް ލިޔެ ކިއުމެއް ފުލުހުންގެ މުއައްސަސާގައި ނެތް ކަމަށާއި އެ ހުރިހާ ލިޔެ ކިއުމެއް ގެއްލިފައިވާ ކަމަށް ވިލިފުށި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދު މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިން މިއަދު ދިވެހި ރައްޔިތުންނަށް ކޮށްދޭ ހިދުމަތްތަކަކީ ފާހަގަކުރަން ޖެހޭ ހިދުމަތެއް ކަމަށެވެ.
"އަފްރާޝީމުގެ މައްސަލާގައި އަބްދުﷲ ރިޔާޒު ކޮމިޝަނަރު ކަމުގައި ހުންނަވައިގެން ހިންގެވި ތަހުގީގުގެ އެއްވެސް ލިޔެކިއުމެއް މިއަދު ފުލުސް އޮފީސް ތެރޭގައި ނެތް. މިއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ރަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ފަދަ މުއައްސަސާތަކުން ޝަރަފުވެރިކަމާ އެކީގައި ރިޓަޔާ ކުރައްވާފައި ތިއްބަވާ ފަރާތްތަކުން އެ މުއައްސަސާތަކުގެ އަގު ވެއްޓޭ ފަދަ ގޮތަކަށް ވާހަކަ ދެއްކެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
"އެބޭފުޅުން ސިޔާސީ މަގާމުތަކަށް ވަޑައިގަންނަވާ ހިސާބުން ފަށައިގެން އެބޭފުޅުންނަށް ދެއްވަމުން ގެންދަވާ ހުރިހާ ހައްގުތަކަކާއި ހިމާޔަތާއި ރައްކާތެރިކަން އަދި މި ނޫން ވެސް ދައުލަތުން ނަންގަވަމުން ގެންދަވާ އިނާޔަތްތައް ނިމުމަކަށް އަންނަން ޖެހޭ." ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
އޭނާ މިއަދު ވަނީ އަބްދުﷲ ރިޔާޒަކީ "ހިފާ ހައްޔަރުކުރަން ޖެހޭ" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އަފްރާޝީމު މަރުގެ ތަހުގީގާއި ގުޅޭގޮތުން ރިޔާޒު ދެއްކެވި ވާހަކަތައް ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވަނީ ދޮގުކުރައްވާފައެވެ.
މިއަދުގެ ޖަލްސާގައި އަބްދުﷲ ރިޔާޒު ވަނީ ކޮންމެ ސަރުކާރަކުން ވެސް ފުލުހުންގެ މުއައްސަސާ ބޭނުން ކުރަމުން ދަނީ އެ ސަރުކާރުތަކުގެ ސިޔާސީ ބޭނުންތައް ފުއްދުމަށް ކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވައިފަ އެވެ.