ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ކާމިޔާބު ހޯދުމުގައި މަޑުޖައްސާލާނެ ކުޅުންތެރިއެއް ނޫން ކަމަށް އެ ކްލަބުގެ ކުރީގެ ތަރި ކަކާ ބުނެފި އެވެ.

ފްރާންސްގައި މި އަހަރު ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލަށް ކާމިޔާބުކޮށްދިނުމަށް ފަހު، ރޮނާލްޑޯ ދަނީ އިތުރު ކާމިޔާބީތަކެއް ހޯދުމަށް އަޒުމު ކަނޑައަޅަމުންނެވެ.

ރެއާލް އަށް 2009 އިން 2013 އަށް ރޮނާލްޑޯއާ އެކު ކުޅުނު ކަކާ ބުނީ، ކޮންމެ އަހަރަކު ވެސް އޭނާ އަކީ ކުރިއެރުން ހޯދާ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް އޭނާ އެދަނީ އާ ކުރިއެރުންތަކެއް ހޯދަމުން. ކޮންމެ އަހަރަކު ވެސް އޭނާ ކުރިމަތިލަނީ އާ ހިތްވަރަކާ އެކު. އޭނާ ކަނޑައަޅާ ޓާގެޓަކީ ލަނޑުތައް ޖަހައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް. ބައެއް ފަހަރު ކެރިޔަރުގައި ގިނަ ކަންތައްތަކެއް ހާސިލްވެއްޖެ ނަމަ، މަޑުޖައްސާލަން ބޭނުންވާނެ. އެކަމަކު ރޮނާލްޑޯއަކީ އެފަދަ ކުޅުންތެރިއެއް ނޫން،" އެމެރިކާގެ އޮރްލެންޑޯ ސިޓީގެ ކެޕްޓަން ކަކާ ބުންޏެވެ.

ކަކާ ބުނީ، އާޖެންޓީނާ ތަރި ލިއޮނެލް މެސީއެކޭ އެއްގޮތަށް ރޮނާލްޑޯ އަކީ ވެސް ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އަދިވެސް އެ ދެ ތަރިން ބޭނުންވަނީ އިތުރު ކާމިޔާބީތައް ހޯދުމަށް ކަމަށެވެ.

ޔޫރޯގެ ފައިނަލުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ވަނީ ރެއާލްގެ ޕްރީސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވެވޭ ގޮތް ނުވެފަ އެވެ. އަނިޔާއާ ގުޅިގެން ޔޫއެފާ ސުޕާ ކަޕްގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ރޮނާލްޑޯ އަށް ގެއްލުނު އިރު، އަންނަ އާދީއްތަ ދުވަހު ސްޕެނިޝް ލަލީގާގައި ރެއާލް ކުޅޭ ފުރަތަމަ މެޗު ވެސް އޭނާ އަށް ގެއްލިދާނެ ކަމަށް ބެލެވެ އެވެ.