ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް 15.40 މިލިޔަން ޑޮލަރު [100 މިލިޔަން ޔުއާން] ދިނުމަށް ޗައިނާ ސަރުކާރުން ނިންމައިފި އެވެ. މިކަން ހާމަކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވޫ ބަންގޫ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއި ޗައިނާގެ ގާނޫނު ހަދާ މަޖިލިސްގެ ރައީސް ވޫބަންގޫ ބައްދަލުކުރެއްވުމަށް މަޖިލިސްކުރާ ގޭގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ވޫ ރާއްޖެ ކުރެއްވި ދަތުރުފުޅުގައި 100 މިލިއަން ޔުއާންގެ ހިލޭ އެހީއެއް ރާއްޖެ އަށް ދިނުމަށް ޗައިނާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ކަމަކަށް ދޭ ފައިސާއެއް ކަމެއް ރައްޔިތުންގެ މަޖިލީހަކުން އަދި ހާމައެއް ނުކުރެ އެވެ.
ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ވަރަށް އަވަހަށް ގާއިމްކުރުމަށާއި ޗައިނާގެ ތަފާތު މަންޒިލްތަކުން ރާއްޖެ އަށް ޑައިރެކްޓް ފްލައިޓް އޮޕަރޭޓް ކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކޮށްދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވެސް ވޫ ވިދާޅުވި އެވެ.

ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވޫބަންގޫ އާއި އޭނާގެ އަނބިކަނބަލުން ރާއްޖެ އަށް ދަތުރުފުޅެއް ކުރެއްވި ކަމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

ޗައިނާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވޫ ބަންގޫ އާއި ޗައިނާގެ ގާނޫނު ހަދާ މަޖިލިސްގެ ވަފުދުން ރައްޔިތުންގެ މަޖިލީހަށް އިކްއިޕްމެންޓްތަކެއް ހަދިޔާކުރުން ވެސް މިއަދުގެ ބައްދަލުވުމުގައި އޮތެވެ. އެގޮތުން ޗައިނާގެ ވަފުދުން ވަނީ 70 ލެޕްޓޮޕާއި 50 ކެމެރާގެ އިތުރުން 55 އިންޗީގެ ފްލެޓްސްކްރީން ދެ ޓީވީ ހަދިޔާކޮށްފަ އެވެ.