15 Aug 2016, 16:03
ލޯބިވެރިޔާ އަށް ކައިވެންޏަށް ހުށަހެޅުމަށް އެކި މީހުން އެކި ކަންކަން ކުރެ އެވެ. މި ފަހަރު އެކަން މި ފެނުނީ ތަފާތު ސްޓޭޖަކުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އީދު އޮލިމްޕިކް ގޭމްސްގެ ތެރެއިންނެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ ތިން މީޓަރު ސްޕްރިންގްބޯޑު އިވެންޓުން ރިހި މެޑެއްޔެއް ހޯދުމުން ޗައިނާގެ ޑައިވަރު ހީ ޒީ ހުރީ އުފަލުންނެވެ. އެއަށް ވުރެ އިތުރު އުފަލެއް ހީ ޒީ އަށް ލިބިގެންދިޔައީ ރިހި މެޑެލް ލިބުމާ އެކު އޭނާގެ ލޯބިވެރިޔާ ކިން ކައި ކައިވެންޏަށް ހުށަހެޅުމުންނެވެ.
ހީ ޒީއެކޭ އެއްގޮތަށް ޗައިނާގެ ކިން ކައި އަކީ ވެސް މި ފަހަރުގެ އޮލިމްޕިކްސްގައި މެޑެއްޔެއް ހޯދި އެތުލީޓެކެވެ. އޭނާ ވަނީ ފިރިހެނުންގެ ތިން މީޓަރު ސްޕްރިންގްބޯޑު އިވެންޓުން ލޯ މެޑެއްޔެއް ހޯދައިފަ އެވެ.

ކައިވެނީގެ ހުށަހެޅުން ހީ ޒީ(ވ) ގަބޫލުކުރުމުން އޭނާގެ އިނގިލީގައި ކިން ކައި(ކ) އަނގޮޓި އަޅުވައިދެނީ --- ފޮޓޯ: އޭޕީ
ދުނިޔޭގެ އެކި ގައުމުތަކުގެ ޓީވީ ޗެނެލްތަކުން ލައިވް ކުރަމުންދިޔަ މެޑެލް ހަވާލުކުރުމުގެ ރަސްމިއްޔާތަށް ފަހު، ގިނަ ބައެއްގެ ކުރިމަތީގައި ހީ ޒީއާ ކައިވެނިކުރުމަށް ކިން ކައި އެދުމުން ހީ ޒީ ވެސް ވަނީ އުފަލާއެކު ކައިވެންޏަށް އެއްބަސްވެފަ އެވެ.
"އަހަރެމެން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަ އަހަރު ވެއްޖެ. އެކަމަކު ކައިވެންޏަށް މިއަދު އަހާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަން. އޭނާ އަހަރެންނަށް އެތައް ވައުދެއްވި. އެކަމަކު އަހަރެންނަށް އެންމެ މުހިއްމު ކަމަކީ ކިން ކައި އަކީ އަހަރެންގެ ހަޔާތުގައި އެންމެ އިތުބާރުކުރާ މީހާ އަށް ވުން،" ކައިވެންޏަށް އެއްބަސްވުމަށް ފަހު ހީ ޒީ ބުންޏެވެ.
ހީ ޒީގެ ބޮޑު އުފަލުގައި އަންހެނުންގެ ތިން މީޓަރު ސްޕްރިންގްބޯޑު އިވެންޓުން ރަން މެޑެއްޔެއް ހޯދި ޗައިނާގެ ޝީ ޓިންގްމާއޯ އާއި ލޯ މެޑެއްޔެއް ހޯދި އިޓަލީގެ ޓާނިއާ ކަގްނޯޓޯ ވެސް ބައިވެރިވި އެވެ.