15 Aug 2016, 15:24
އިސްތަންބޫލް (އޮގަސްޓް 15): ތުރުކީގައި ނާކާމިޔާބުވި ބަޣާވާތާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ޝަރުއީ ދާއިރާގައި މަސައްކަތް ކުރެވޭ 173 މީހަކު ހައްޔަރު ކުރަން އެ ގައުމުގެ ފުލުހުން އިސްތަންބޫލުގެ ތިން ކޯޓަކަށް ވަދެފި އެވެ.
އަމިއްލަ ނޫސް އޭޖެންސީއެއް ކަމަށްވާ ޑޯގަންގައިވާ ގޮތުން ފުލުހުން ވަދެފައި ވަނީ ބަޣާވާތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރަން އަމުރު ނެރެފައިވާ ފަރާތްތަކުގެ އޮފީސްތަކަށެވެ. ފުލުހުން ވަދެފައިވާ ކޯޓުތަކުގެ ތެރޭގައި އިސްތަންބޫލު ޕެލެސް އޮފް ޖަސްޓިސް ހިމެނެ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ފުލުހުން ވަނީ ހައްޔަރު ކުރި މީހުންނާ ސުވާލު ކުރަން ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ. ނަމަވެސް ފުލުހުން ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަން އަދި ކަށަވަރުވެފައި ނުވެ އެވެ.
މިިދިޔަ މަހުގެ 15 ވަނަ ދުވަހު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން މިހާތަނަށް އެގައުމުން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 35،000 އަށް އަރާ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި 76،000 ސިވިލް ސާވެންޓުންނާއި، ފަނޑިޔާރުންނާއި، ސަލާމަތީ ފަރާތްތައް ސަސްޕެންޑުކޮށްފައިވާ އިރު، 5،000 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ވިދާޅުވި އެވެ. (ރޮއިޓާސް)