މާލޭގެ އާންމު ސަރަހައްދުތަކުގައި ނިދާ އުޅޭ މީހުންގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މަސައްކަތް ފަށައިފި އެވެ.

އެޗްއާރުސީއެމްގެ އިސް އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ އެކަން އެކޮމިޝަނުގެ ސަމާލު ކަމަށް އައީ ސުރުހީގެ ދަށުން ސަން އޮންލައިންގައި ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ބަލަނީ އެ ކޮމިޝަނަށް އަމިއްލަ އިސްނެގުމަށް ކަމަށާއި އެ ކޮމިޝަނަށް ބޭނުންވާ މައުލޫމާތުތައް "ސަން" އޮންލައިނުން ވަނީ އެޗްއާރްސީއެމާ ހިއްސާކޮށްފައެވެ.

މީގެ ކުރިން ވާނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައެވެ.

މާލޭގެ އެކިއެކި މަގުތަކާއި މައިދާންތަކުގައި ނިދާ މީހުން ތިބުމަކީ މިހާރަކަށް އައިސް އާންމުކަމެކެވެ. ހާއްސަކޮށް ދުވަސްވީ ބައެއް މީހުން އެ ހާލަތުގައި އުޅޭކަން ފާހަގަކުރެވެ އެވެ.

އެޗްއާރުސީއެމުން އެ މައްސަލަ ބަލަމުންދާއިރު އެބޭފުޅުންގެ ތަހުގީގަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ އެފަދަ ފަރާތްތައް ބެލެހެއްޓުމަށް ދައުލަތައް ނުވަތަ އާއިލާއަށް އަމުރު ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.