ސަލާމަތީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ، ސޯޝަލް މީޑިއާގެ މަޝްއޫރު އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކާސް ޖަލީލް)ގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.

ލޫކަސްގެ ގާނޫނީ ވަކީލު ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޓަކައި ކްރިމިނަލް ކޯޓަށް މިއަދު ލިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ.

ލޫކަސް ހައްޔަރުކޮށްފައި ވަނީ އޭނާ އާއި އިތުރު ބަޔަކު ގުޅިގެން، ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައޔްިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި، މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމުގެ ތުހުމަތުގައި، ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.