15 Aug 2016, 14:53
ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިޔުމާ ބެހޭ ގޮތުން ދައުލަތުގެ ސިޔާސަތު ހާމަކުރައްވައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާސް ދިރާސާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ ކަރުދާސް ފާސްކޮށްފި އެވެ.
ސަރުކާރުން ހުށަހެޅި އެ ކަރުދާސް ދިރާސާ ކުރީ 11 މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ނެވެ. އެ ކޮމެޓީ އިން ވެސް ވަނީ ސަރުކާރުން ހުށަހެޅި ޓެރަރިޒަމްގެ ސިޔާސަތުތަކާ ގުލޭ ކަރުދާސް ފާސްކުރަން ނިންމާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ކަރުދާސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމުގެ މައްސަލަތަކުގައި، ރާއްޖޭގެ ސިޔާސަތަކީ، ޓެރަރިޒަމްގެ އަމަލުތަކާއި ހައްދުފަހަނަޅައިދިޔުމުގެ އަމަލުތަކާ ދެކޮޅަށް އެއްވެސް ދުލެއް ދިނުމެއްނެތި އެފަދަ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ސިޔާސަތުގައި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމުގެ ހަރަކާތްތައް ހުއްޓުވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމުގެ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅުތައް އެޅުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، އދ.ގެ އާމްސް ޓްރޭޑް ޓުރީޓީ ފަދަ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާ ގުޅިފައިވާ މުއާހަދާތަކުގައި ރާއްޖެ ބައިވެރިވެ، ބޭރު ގައުމުތަކާ ގުޅިގެން އިންޓެލިޖެންސް ހިއްސާކުރާނެ ގޮތާއި ވަގުތު އޮއްވައި ފިޔަވަޅު އެޅުމުގެ އިންތިޒާމްތައް ވަރުގަދަ ކުރުން ހިމެނެ އެވެ.
އެ ކަރުދާސް ދިރާސާކުރި ވަގުތީ ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ ޓެރަރިޒަމާއި ހައްދު ފަހަނައަޅާ ދިއުމުގެ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން މިހާރު ކުރެވެމުން ގެންދާ މަސައްކަތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ރާއްޖޭގެ ގައުމީ ސަލާތަމާ ބެހޭ ކަންކަން ރައްކާތެރި ކުރުމުގެ ގާނޫނީ އޮނިގަނޑު ފުރިހަމަ ކުރުމުގެ ގޮތުން "ގައުމީ ސަލާމަތުގެ" ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ރިޕޯޓުގައި ބުނެފައި ވަނީ އެ ބިލުގެ ޑުރާފްޓެއް ވީ އެންމެ އަވަހަށް މަޖިލީހަށް ސަރުކާރުން ހުށަހެޅުން އެދޭ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަކަށް ނާހަ އެވެ. އެ އިސްލާހަށް ރިޔާސަތުން ވޯޓަށް ނޭހި ސަބަބެއް ކަމަށް ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުﷲ މަސީހު ވިދާޅުވީ އެ އިސްލާހަށް ވޯޓަށް އަހާނެ ވަރަށް މަޖިލީހުގެ ކޯރަމް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 މެމްބަރުންނަށް ވުރެ އިތުރު ނުވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ފާސްވެސް ކޮށްފަ އެވެ.
ގާނޫނު އަސާސީ އަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ 64 މެމްބަރުންނެވެ. ނަމަވެސް މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވީ 44 މެމްބަރުންނެވެ.