މާލެ އަތޮޅު ތިލަފުށީގެ ސައިޓެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހައްޔަރު ކުރި ސްރީލަންކާގެ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ އަކީ ކާޓިއުންސްގެ ފަރާތުން ރާއްޖެ ގެނެސްފައިވާ މީހެއްކަން ފުލުހުން ކަށަވަރު ކޮށްދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރު ކުރި ސްރީލަންކާގެ ލަކްޝަންމަން ނީލް ޕެރޭރާ 39، އަކީ ކާޓިއުންސްގެ ނަމުގައި ރާއްޖެ ގެނެސްފައިވާ މީހެއް ކަމަށެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ ކޮން އިރަކު ކީއްކުރަން ކަމެއް ފުލުހުން ނުބުނެ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ޗަމްޕަނީ ރޯޝަން، 37، ރާއްޖެ އެތެރެ ވެފައި ވަނީ ކޮން ކުންފުންޏެއްގެ ނަންމަތީގައި ކަމެއް ޝިޔާމް ވިދާޅެއް ނުވެ އެވެ.

ޝިޔާމް ވިދާޅުވީ ރޯޝަން ހައްޔަރުކޮށްފައި ވަނީ އޭނާ ރާއްޖެ އައިތާ ހަފުތާއެއް ވެސް ނުވަނީސް ކަމަށް ވުމުން އޭނާ ރާއްޖެ އައިސް ހުރީ ޓޫރިސްޓް ވީސާގައި ކަމަށް ބެލެވޭ ކަމަށެވެ.
ކާޓިއުންސަކީ ދާދިފަހުން ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގަތް، ޑީއާރުޕީގެ ކުރީގެ ކައުންސިލް މެންބަރު އަދި މިހާރު ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ސުޖާއުގެ އާއިލީ މަސްލަހަތު އޮންނަ އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ސުޖާއުގެ މަސްއޫލުވެރިކަން އޮންނަ ކުންފުންޏެކެވެ.

ކާޓިއުންސްގެ ވެރިޔާ އިބްރާހިމް ސުޖާޢު މިއަދު ވިދާޅުވީ ލަކްޝަންމަން ނީލް ޕެރޭރާ އަކީ ކާޓިއުންސްގައި 15 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ މީހެއް ކަމަށާއި އަދި އޭނާ ހައްޔަރު ކުރިއިރު ހުރީ ޗުއްޓީގައި ކަމަށެވެ.

"އޭނަ މާލެ އައިސް ތިކަމެއް ހިންގި ކަން އަޅުގަނޑަށް އެނގުނީ ސަން އިން ގުޅުމުން. އޭނަ މާލެ އައީ އަޅުގަނޑު މާލޭގައި ނެތިސް. ވޯކް ވިސާ އޮތީމާ އެމީހުންނަށް މާލެ އާދެވޭނެ،" ސުޖާޢު ވިދާޅުވި އެވެ.

ސުޖާޢު ވިދާޅުވީ އެމީހުން މާލެ އައިސް ތިލަފުށީ ސައިޓްގައި އުޅެމުން ދިޔައިރު އެމީހުންނަށް އެކޮމަޑޭޝަން ކަންތައް ކުންފުނީގެ ފަރާތުން ހަމަޖައްސާފައި ނުވާނެ ކަމަށެވެ.

ފުލުހުން ހައްޔަރު ކުރި ލަންކާގެ ދެމަފިރިންނަކީ ބަނގުރާ ތައްޔާރުކޮށްގެން ވިޔަފާރީގެ ގޮތުގައި ބަނގުރާ ވިއްކާފައިވާ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް މުހައްދު ދާއޫދު ވިދާޅުވީ އެ ދެމަފިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޗެކް ކުރި ކުރުމުން އެކަކުގެ އަތް ދަބަހުގެ ތެރެއިން ޔީސްޓް ޕެކެޓަކާއި ގިނަ އަދަދެއްގެ ގޯނބިލި ފެނިފައިވާ ކަމަށެވެ. އަދި އެމީހުންގެ އަތުން ފެނުނު ތަޅުދަނޑިއެއް ބޭނުން ކޮށްގެން އެތަނުގައި ހުރި ގުދަން ހުޅުވައި ބެލި އިރު ގުދަނުގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ އެއްޗެހި ފެނިފައިވާ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ. ދާއޫދު ވިދާޅުވީ ފުލުހުން ގުދަން އިތުރަށް ބަލައި ފާސް ކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 17 ފުޅި އާއި 20 ލީޓަރުގެ ދެ ހަން ފެނިފައިވާ ކަމަށެވެ.