ފުލުހުންގެ ހުއްދަ ނަގައިގެން މާލޭގައި މުޒާހަރާތަކާއި ހިނގާލުމާއި އުޅަނދުބުރުތައް ބާއްވަން ޖެހޭ ގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހު ބަލައިގަތީ 39 މެމްބަރުންގެ ވޯޓުން ނެވެ. އިސްލާހު ބަލައިގަތުމާއި ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ.

ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އެ ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިވީ ނަމަވެސް، މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން ދޭ ހުއްދައާއެކު ފިޔަވައި، ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން އާންމުކޮށް އިއުލާން ކުރާ ތަންތަނުގައި އެކަނި ކަމަށެވެ.

އެ އިސްލާހު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މުޒާހަރާ ބާއްވަން ހުއްދަދެވޭނެ ތަންތަނުގެ ލިސްޓެއް ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ވެސް ރިފާއު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

ގާނޫނަށް އެ އިސްލާހު ގެނެސްފިނަމަ އަމަލުކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

މުޒާހަރާކުރަން ފުލުހުންގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ އިރު، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.